ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި ގާނޫނާ ހިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސުޕުރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ދޫނިދޫ ޖަލުގައި ފޮރޮޅުލީ ގޮޑިއަކަށް އަރުވައިގެން ގެންދަވަނިކޮށް ފެނިފައިވާކަމަށް އަދާލަތު ޕާޓީގެ ނައިބް ލީޑަރ އަދި ގާނޫނީ ވަކީލް އަލްއުސްތާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
Vakeelunthakeh Dhoonidhoo ah dhiya iru fenuni 2 fuluhun vegen Supreme courage fandiyaaru Usthaz Ali Hameedh athulafikohgge golhin neregen gengos furolhulee gondiakah aruvaigen Dr dhakkan gendhiya manzaru. Fandiyarun avaharafulhulappavani concrete attehga kunaleh mathi. #hasadha
— Ali Zahir (alipi) (@alixahir) February 12, 2018
އަލީ ޒާހިރު ވިދާޅުވީ ދެ ފުލުހުން އަތިލަފިކޮށްގެން ފަނޑިޔާރު އަލީ ހަމީދު ދޫނިދޫ ގޮޅިން ނެރެގެން ގެންދަވަނިކޮށް ފެނިފައިވާ ކަމަށެވެ. އަލީ ހަމީދު ހައްޔަރު ކުރިފަހުން ސިއްހީ ހާލަތު ގޯސްވެގެން އައިޖީއެމްއެޗްގެ އިމަޖެންސީގައި ފަރުވާ ދީފައިވާ އިރު އަލުން ދޫނިދޫއަށް ބަދަލުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
އަލީ ޒާހިރު ވިދާޅުވީ ފަނޑިޔާރުން އަވަހާރަފުޅު ލައްޕަވަނީ ކޮންކްރީޓް އައްޓެއްގެ މަތީ ކުނަލެއް އަޅައިގެން ކަމަށެވެ.
އަލީ ހަމީދު ހައްޔަރުކޮށްފައިވާ އިރު އެމަނިކުފާންގެ އަނބިކަބަލުން ފާޠިމަތު ނާސިރާވެސް ވަނީ ހައްޔަރުކޮށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. މީގެ އިތުރުން އަލީ ހަމީދުގެ ކޮއްކޮ އަކާއި އާއިލީ އިތުރު ދެ މީހަކުވެސް ބަންދުކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއްލާން ކުރެއްވީ ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމަށް ކަމަށެވެ. އަދި ފަނޑިޔާރު އަލީ ހަމީދު އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައިވަނީ ސުޕުރީމް ކޯޓު ހިސޯރުކޮށް، ސުޕުރީމް ކޯޓުގެ ފުރާޅު ހަލާކުކޮށްލައިގެން ވަދެއެވެ.