ޚަބަރު

އިންޑިޔާ ސިފައިންނަކަށް ރާއްޖެ ނޭރޭނެ: ޗައިނާ

އިންޑިޔާ އަސްކަރިއްޔާގެ ސިފައިން ރާއްޖެއަށް ފޮނުވުމަށް ގޮވާލި ނަމަވެސް އެގައުމުން އެފަދަ ފިޔަވަޅެއް އަޅައިފިނަމަ އެކަން ހުއްޓުވުމަށް ޗައިނާ ސަރުކާރުން އޮތީ ތައްޔާރަށް ކަމަށްބުނެ އިންޑިޔާއަށް ޗައިނާގެ އިންޒާރެއް ފޮނުވައިފިއެވެ.

ޗައިނާ ސަރުކާރުގެ ގްލޯބަލް ޓައިމްސްގައި އިންޑިޔާއަށް ވަރަށް ބޮޑަށް ފާޑުކިޔައި، ޝާއިއުކުރި ލިޔުމެއްގައި ބުނެފައިވަނީ އިންޑިޔާއިން އަމިއްލައަށް އިސްނަގައިގެން ދިވެހި ރާއްޖެއަށް ސިފައިން ފޮނުވައިފިނަމަ ޗައިނާއިން ބަލަހައްޓައިގެން ނުތިބޭނެ ކަމަށެވެ.

އެ ލިޔުމުގައި ބުނެފައިވަނީ އދ. ގެ ހުއްދަ ނެތި ރާއްޖޭގެ މަސްރަހު ތެރެއަށް ބަރު ހަތިޔާރު އެޅި އެހެން ގައުމެއްގެ ސިފައިން ވަންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ޗައިނާއިން އެހެން ގައުމެއްގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ނުވަންނާނެ ކަމަށް ބުނުމަކީ އިންޑިޔާއިން ގާނޫނާއި ޚިލާފު ވުމުން ބަލަހައްޓައިގެން ތިބޭނެ ކަމެއް ނޫން ކަމަށްވެސް ޗައިނާ ސަރުކާރުގެ ބަސް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ގްލޯބަލް ޓައިމްސްގައި ޝާއިއު ކުރެވުނު ލިޔުމުގައި ވެއެވެ.

އަދި އިންޑިޔާ ސަރުކާރުން 1988 ވަނަ އަހަރު ދިވެހި ސަރުކާރު ވައްޓާލަން ކުރި ބަޣާވަތް ނާކާމިޔާބު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިން ފަހުން ދިވެހި ރާއްޖެއަށް ނުފޫޒު ފޯރުވަން ފަށާފައިވާ ކަމަށާއި އެހިސާބުން ފެށިގެން ދިވެހިންވެސް ސަލާމަތީ ކަންކަމުގައި އިންޑިޔާއަށް ބަރޯސާވާން ފެށިކަމަށް ޗައިނާއިން ބުނެފައިވެއެވެ.

ޗައިނާގެ ބަހުގެ ހޫނު ހަމަލާތަކެއް އިންޑިޔާއަށް ރައްދުވެފައިވާއިރު އަދި ޖަވާބުގައި އިންޑިޔާއިން އެއްވެސް އެއްޗެއް ރަސްމީ ގޮތެއްގައި ބުނެފައެއް ނުވެއެވެ. ދިވެހި ރާއްޖޭގެ ބައެއް އިދިކޮޅު ސިޔާސީ ލީޑަރުން އިންޑިޔާ ސިފައިން މިގައުމަށް އެރުމަށް ގޮވާލި ނަމަވެސް އިންޑިޔާ ސަރުކާރުން އެފަދަ އެއްވެސް އެއްޗެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.