ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު ފުރުއްވަމުން އަންނަ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން އަނެއްކާވެސް ސަރުކާރު ވަޒީފާއިން ވަކިވާން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެއްޖެއެވެ.
ދުންޔާގެ ބައްޕާފުޅު، ރައީސް މައުމޫން މިސަރުކާރުން ހައްޔަރުކުރުމަށް ފަހުވެސް މަގާމުގައި ދެމިހުރީތީ އެތައް ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިހާރުވެސް އިސްތިއުފާ ދޭން ތައްޔާރަށް ހުރި ކަމަށެވެ.
ދުންޔާ އިތުރަށް ވިދާޅުވެފައިވަނީ ވަކިވާން ތައްޔާރު ނަމަވެސް އޮތީ އެންމެ ސުވާލެއް ކަމަށެވެ. އެއީ އިސްތިއުފާ ދިނުމަކީ ގައުމަށް އޮތް އެންމެ ރަނގަޅު ގޮތްތޯއެވެ. ދިވެހި ހުރިހާ ރައްޔިތުންނަށް ދުންޔާ މި ސުވާލު އަމާޒު ކުރަމުން ވިދާޅުވެފައިވަނީ މިވަގުތު ޗުއްޓީ އެއް ނެގުމަށް ނިންމާފައިވާ ކަމަށެވެ.