ޚަބަރު

މަޖިލިސް ފަށާނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން: ނިހާން

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާނީ ރައީސުލް ޖުމުހޫރިއްޔާ އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިންމަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކޮންމެ އަހަރެއްގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ތާވަލުކޮށް، ބާއްވަން ޖެހޭނެއެވެ. މި ޖަލްސާގައި ރައީސުލް ޖުމުހޫރިއްޔާ ރައްޔިތުންނާ މުޚާތަބުކޮށް، ރިޔާސީ ބަޔާންވެސް އިއްވަން ޖެހޭނެއެވެ.

ނަމަވެސް މިއަހަރުގެ ފުރަތަމަ ޖަލްސާ މަޖިލީހުން ވަނީ މަސްލަހަތު ގޯސްވުމުން ކެންސަލް ކޮށްފައެވެ. އަދި އޭގެ ފަހުން ރައީސް ޔާމީން ވަނީ ގައުމުގެ ހާލަތު ގޯސްވެފައިވާ ކަމަށް ބުނެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގާނޫނު އަސާސީގެ ބައެއް މާއްދާތައް ވަގުތީ ގޮތުން ސަސްޕެންޑުކޮށްފައެވެ.

ނަމަވެސް ގައުމު އަމާންވެފައިވާ ކަމަށާއި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން މަޖިލިސް ފަށާނެ ކަމަށް ޕީޕިއެމުން ވަނީ މިހާރު ބުނެފައެވެ. ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކުރި ހުކުމާއެކު ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރު ކޯލިޝަނުގެ މެޖޯރިޓީ ގެއްލި، އިދިކޮޅު ފަރާތްތަކަށް ވަނީ ފުރިހަމަ މެޖޯރިޓީ ލިބިފައެވެ.