ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރެއްވުމަށްފަހު އަދިވެސް ހުންނެވީ ހައްޔަރު ކުރެއްވި ދުވަހު އަރުއްވައިގެން ހުންނެވި ބޫޓުގައި ކަމަށް ބުނެ ކޮއްކޯފުޅު ޔުމްނާ މައުމުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޔުމްނާގެ ޓުވީޓެއްގައި ބުނެފައިވަނީ ފާއިތުވެދިޔަ ތިން ދުވަސް ވަންދެން އާއިލާއިން ވަނީ ފާރިސް އެރުމަށް ފެން ފައިވާން ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ފައިވާންތައް ފޯރުކޮށްނުދީ ފުލުހުން ހިފަހައްޓަނީ ފެން ފައިވާނަކީވެސް ނުރައްކާތެރި އެއްޗެއްތޯ ސުވާލު ކޮށްފައެވެ.
ފާރިސް ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވާ ގޮތަށް ފެބްރުއަރީ ތިންވަނަ ދުވަހު އޭނާ މިނިވަން ކުރުމަށް ފަހުގައެވެ. ފުލުހުން އަނެއްކާވެސް ފާރިސް ހައްޔަރުކުރީ ފެބްރުއަރީ ހަވަނަ ދުވަހުގައެވެ.
ފާރިސްގެ އިތުރުން އެމަނިކުފާނުގެ ބައްޕާފުޅު ރައީސް މައުމޫނާއި ބޭބެ ނަދީމްވެސް ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. މައުމުންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ގާނޫނީ ސަރުކާރު ވައްޓާލުމާއި ރިޝްވަތު ހުށައެޅުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މައުމޫން ވަނީ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.