ޚަބަރު

އުއްތަމަ ފަނޑިޔާރަށް ކާއެއްޗެހި ދެނީ ބާލިދީއެއްގައި

ހައްޔަރުކޮށްފައިވާ ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އަބްދުﷲ ސައީދަށް ޖަލު ބަންދުގައި ހުރެ ކާއެއްޗެހި ގެނެސްދެނީ ބާލިދީއެއްގައި ކަމަށް އެމަނިކުފާނުގެ އާއިލާއިން ހާމަކޮށްފިއެވެ.

ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި މެދު އަމަލު ކުރަމުންދަނީ ވަރަށް ދަށު ދަރަޖައިގެ ގޮތެއްގައި ކަމަށް ބުނެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އިއްޔެ އެމަނިކުފާނުގެ މެންދުރު ކެއުމަށް ބަތާއި ގަރުދިޔަ ގެނެސްދީފައިވަނީ ބާލިދީއެއްގައި އެއްކޮށް ކަމަށް އާއިލާއިން ބުނެފައިވެއެވެ.

މީގެ އިތުރުން މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވުމަށް ހުށައަޅައި، މަޖުބޫރު ކުރުމުގެ އަމަލުތައް ވެސް ހިންގަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

އުއްތަމަ ފަނޑިޔާރު ބާއްވާފައި އޮތް ގޮޅިއަކީ ކުޑަ ގޮޅިއެއް ކަމަށާއި ފަންކާއެއް ވެސް އެގޮޅީގައި ނުހުންނަ ކަމަށް ވަކީލުން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި އެގޮޅިން ވަރަށް ނުބައި ވަސް ދުވާ ކަމަށްވެސް ބުނެފައިވެއެވެ.