ޖަލު ހުކުމް ތަންފީޒު ކުރައްވަމުން އަންނަ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އަބްދުލްޣަފޫރު ބަންދުކޮށްފައި ހުރި ގޮޅި ތެރެއަށް ހޭނެތިގެން ވެއްޓިފައިވާ ކަމަށާއި ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވަކީލުން ހާމަކޮށްފިއެވެ.
އަދީބުގެ ގާނޫނީ ޓީމުގައި ހިމެނި ވަޑައިގަންނަވާ މޫސާ ސިރާޖް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަދީބުގެ ހާލު ގޯސްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ބައްދަލުކުރެއްވުމަށް ބޭނުންވާ ކަމަށާއި ފުރުސަތު ހަމަ ޖައްސަވައި ދިނުމަށް ކަރެކްޝަންސް ގައި އެދިފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.
އަދީބުގެ ސިއްހީ ހާލާމެދު ސަރުކާރު އިހުމާލު ވެފައިވާ ކަމަށާއި ބޭސްފަރުވާ ކުރުމުގެ ހައްގުން އަދީބު މަޙްރޫމް ވެފައިވާ ކަމަށް ބުނެ މީގެ ކުރިންވެސް އަދީބުގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލޮކޯމާ އަދީބަށް ޖެހިފައިވާ ކަމަށާއި އެ ބައްޔަށް ބޭސް ފަރުވާ ކުރަން ރާއްޖެއިން ބޭރަށް ފޮނުވުމަށް ޑޮކްޓަރުން އެކި ފަހަރު މަތިން ލަފާ ދީފައިވާ ކަމަށް އާއިލާއިން ބުނެއެވެ.
އަދި އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވާ ކަމަށާއި އެއީ ފަރުވާ ނުކުރެވިއްޖެނަމަ ކެންސަރަށްވެސް ބަދަލުވުން އެކަށީގެންވާ ކަމެއް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އަދީބު އާއިލާއިން ވަނީ ބުނެފައެވެ.