ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކެއް މިއަދު މަޖްލިސް އިދާރާއަށް ވަންނަން ދިއުމުން އެތަނުގެ ސެކިއުރިޓީގައި ތިބި ސިފައިން ހުރަސް އަޅައިފިއެވެ.
އިދިކޮޅު 10 މެމްބަރަކު މިއަދު މަޖްލިސްގެ އިދާރާއަށް ގޮސްފައިވަނީ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާ ފަށާ ތާރީހެއް އޮޅުން ފިލުވުމަށްކަމަށް އެމެމްބަރުން ބުންޏެވެ. ނަަމަވެސް ސިފައިން ވަނީ މެމްބަރުންނަށް މަޖްލިސް އިދާރާގެ ތެރެއަށް ނުވަދެވޭނެހެން ސަފު ހަދާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ގާނޫނީ ގޮތުން އެމީހުންގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތު އަދާ ކުރުމަށް ސިފައިންނަކަށް ހުރަސް ނޭޅޭނެކަމަށެވެ. އަދި މަޖްލިސްގެ އިދާރާއަށް މަސީހުއަށް ވަދެވޭ ނަމަ އިދިކޮޅު މެމްބަރުންނަށްވެސް ވަދެވޭނެ ކަމަށެވެ.
މަޖްލިސްގެ މިއަހަރުގެ ފުރަތަމަ ދައުރު ހުޅުވުމުގެ ޖަލްސާ މިމަހުގެ 5 ވަނަ ދުވަހަށް ތާވަލް ކުރި ނަމަވެސް ފަހުން ވަނީ ސަލާމަތީ ސަބަބުތަކަށްކަމަށް ބުނެ ކެންސަލް ކޮށްފައެވެ.
ދެން މަޖްލިސް ހުޅުވޭނީ ކުއްލި ނުރައްކަލުގެ މުއްދަތު ހަމަވުމުން ކަމަށް މަޖްލިސްގެ މެޖޯރިޓީ ލީޑަރ ވިލިމާފަންނު ދާއިރާގެ މެމްބަރ އަހުމަދު ނިހާން ހަސަން މަނިކު ވަނީ ވިދާޅުވެފައެވެ.