އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއަށް ރާއްޖޭގެ ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޑޮލަރުގެ މަންފާއެއް ދީފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.
ފުލުހުން މިއަދު ހަވީރު ބޭއްވި ނޫސް ކޮންފަރެންސެއްގައި ސުޕުރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލުމަށް ރާއްޖޭގެ ކުންފުންޏަކުން 2.4 މިލިއަން ޑޮލަރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ދީފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.
އަދި އެފައިސާއިން ރާއްޖެ އާއި ރާއްޖޭން ބޭރުން އެޕާޓްމަންޓް ގަތުމަށް މަސައްކަތް ކޮށްފައިވާ ކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓްގެ އައިޓީ ވިއުގަ ހުއްޓުމަކަށް ގެންނަން އުއްތަމަ ފަނޑިޔާރު އަމުރު ކުރެއްވި ކަމުގެ ހެކި ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޝިފާން ވިދާޅުވީ ގާނޫނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަރާތްތަކުން ތަހްގީގަށް އެއްބާރުލުން ނުދޭ ކަމަށެވެ. އެހެންވެ އެފަރާތްތަކުގެ މައްސަލަ ޕީޖީއަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކުއްލި ހާލަތު އިއްލާން ކޮށް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ޑީޖޭއޭގެ ވެރިޔާ ހަސަން ސައީދު ހައްޔަރުކޮށްފައިވާ އިރު އެފަރާތްތަކާއި ވަކީލުންނަށް ދެން ބައްދަލު ނުކުރެވޭނެ ކަން ފުލުހުން ވަނީ އަންގާފައެވެ.