އަވަށްޓެރި އިންޑިޔާއަށް ދަތުރުކުރާ ދިވެހިންނަށް ކުރިއަށް އޮތް ދުވަސްތަކުގައި ދަތިތަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިއަދު ދައުލަތުގެ މީޑިޔާ، ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ދިވެހި ރާއްޖެއާ ދެކޮޅަށް އިންޑިޔާއިން އަސްކަރީ ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ވާހަކަތަކެއް ދެކެވުމުގެ ސަބަބުން އިންޑިޔާއަށް ދާ ދިވެހިންނަށް ދަތިތަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފު އިތުރަށް ވިދާޅުވެފައިވަނީ މިފަދަ ކޮންމެ ދަނޑިވަޅެއްގައި އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ އާންމު ރައްޔިތުންނަށް ކަމަށާއި މިފަދަ ކަންކަން ތަކުރާރު ނުވުމަށް ޒިންމާދާރު މަސައްކަތެއް ކުރެވެން ޖެހޭ ކަމަށެވެ.
އަދި އެފަދަ ވާހަކަތަކަކީ ދިވެހި ރާއްޖެއާއި އިންޑިޔާއާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ގުޅުން ކިލަނބު ކޮށްލުމުގެ ބޭނުމުގައި ދައްކާ ވާހަކަތައް ކަމަށާއި އެކަމުން ބަރީއަވެގެން ތިބުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކޮށްފައެވެ.