Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

އުއްތަމަ ފަނޑިޔާރާއި މެދު ފުލުހުން ކުރި ތުހުމަތު އާއިލާއިން ދޮގުކޮށްފި

ހައްޔަރުކޮށްފައިވާ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި މެދު ފުލުހުން ކުރާ ތުހުމަތުތައްް އާއިލާއިން ދޮގުކޮށްފިއެވެ.

އުއްތަމަ ފަނޑިޔާރުގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި އިމާދު ލަޠީފު ވަނީ އުއްތަމަ ފަނޑިޔާރު ރާއްޖޭން ބޭރުން ޕްރޮޕަޓީސްތަކެއް ބައްލަވާ ލެއްވުމަށް ގިނަ ދަތުރުތަކެއް ކުރައްވާފައިވާ ކަމަށް އިއްޔެ ފުލުހުން ވިދާޅުވި ވިދާޅުވުން ދޮގުކޮށްފައެވެ.

އިމާދު ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ރަސްމީ ހައިސިއްޔަތު ފިޔަވައި ރާއްޖޭން ބޭރަށް ވަޑައިގެންފައިވަނީ އެންމެ ދެ ފަހަރު ކަމަށެވެ. އެގޮތުން އެއްފަހަރު ވަޑައިގެންނެވީ އަމިއްލަ ބޭސް ފަރުވާއަކަށް ކަމަށާއި ދެވަނަ ދަތުރުފުޅަކީ ދޮށީ ފިރިހެން ދަރިފުޅު ބަލިވެގެން ބޭސް ފަރުވާއަކަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.

ފުލުހުންގެ ތަރުޖަމާން ސުޕުރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އިއްޔެ ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއަށް ރާއްޖޭގެ ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޑޮލަރުގެ މަންފާއެއް ދީފައިވާކަމަށެވެ.

ޝިފާން ވިދާޅުވީ އެފައިސާއިން ރާއްޖެ އާއި ރާއްޖޭން ބޭރުން އެޕާޓްމަންޓް ގަތުމަށް އުއްތަމަ ފަނޑިޔާރު މަސައްކަތް ކޮށްފައިވާ ކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ އާއިލާއިން މިހުރިހާ ވާހަކަތައް ދޮގު ކުރާއިރު އެއާއިލާއިން ބުނީ އުއްތަމަ ފަނޑިޔާރު ކަމުން އިސްތިއުފާ ދިނުމަށް ބިރު ދައްކައި ބާރު އަޅަމުން އަންނަ ކަމަށެވެ. އަދި އެކަން ހުއްޓުވައި އުއްތަމަ ފަނޑިޔާރު މިނިވަން ކުރުމަށް އެހީރެތިވުމަށް ރާއްޖޭ އާއި ރާއްޖޭން ބޭރުގެ އެހީއަށް އާއިލާއިން ވަނީ އެދިފައެވެ.