Last Updated: April 20, 09:35
Saturday, April 20, 2024
ޚަބަރު

ބެންގަލޫރު އަތުން ބަލިވެ ޓީސީއަށް ޕްރެޝަރުތަކެއް

photo: mihaaru news

އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި ރޭ ޓީސީ ސްޕޯޓްސް ކުލަބު އިންޑިޔާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ކުރިއަށް ދިއުމުގައި ޕްރެޝަރުތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ގަލޮޅު ދަނޑުގައި ޓީސީ ކުޅުނު މެޗުން ބަލިވެފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިމުނު ނަމަވެސް ފުރަތަމަ ހާފުގައި ގިނަ ފުރުސަތުތަކެއް ޓީސީން ވަނީ ތަނަވަސްކޮށްފައެވެ.

ޓީސީގެ ފޯވާޑް މަހުދީއަށް ލިބުނު ފުރުސަތުތައް ގޯލާ އަމާޒުވި ނަމަވެސް ބެންގަލޫރު ކީޕަރަށް އެހަމަލާތައް މަތަކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައެއް ނުވެއެވެ. ފުރަތަމަ ހާފު ނިމެން ކައިރި ވެފައިވަނިކޮށް ބެންގަލޫރު ޓީމުން ނެގި ކޯނަރަކުން އުފެއްދި ނުރައްކާތެރި ހަމަލާ ޓީސީ ޑިފެންޑަރުން ސަލާމަތް ކޮށްފައިވަނީ ގޯލު ލައިނު މަތިންނެވެ.

ފުރަތަމަ ހާފާ ޚިލާފަށް ބެންގަލޫރު ޓީމުން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، ލީޑު ނަގަން މަސައްކަތް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ކައިރި ކައިރީގައި ބެންގަލޫރުން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

ނަމަވެސް ޓީސީ ވަނީ ހިތްވަރު ދޫނުކޮށް ފަހަތުން އަރައި އިތުރު ދެ ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. ޓީސީގެ ލަނޑުތައް ކާމިޔާބުކޮށްފައިވަނީ އެނަޓޮލީ އަދި މަހުދީ(ހަބޭސް އިއްބެ) އެވެ. މެޗުގައި އިއްބެގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެނަޓޮލީގެ ގޯލުވެސް އެސިސްޓު ކޮށްދިނީ އިއްބެއެވެ.

ޓީސީން ދެ ލަނޑު ޖަހައި ނަތީޖާ އެއްވަރު ކުރި ނަމަވެސް ބެންގަލޫރުން ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު ޖަހާފައިވަނީ ބެންގަލުރުގެ ސެމްބޯއީއެވެ.

ރޭގެ ބައްޔާއެކު ޓީސީއަށް ވަނީ ކުރިއަށް ދިއުމުގައި ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ. ދެން ކުޅޭނީ ޕްލޭ އޮފްގެ ދެވަނަ މެޗު ބެންގަލޫރު ހޯމްގައެވެ. ރަށުން ބޭރުގައި ކުޅެން ޖެހުމަކީ ޓީސީއަށް ކުރިމަތިވާނެ ގޮންޖެހުމެކެވެ.