ނިމިގެން ދިޔަ ޖެނުއަރީ މަހު ކަސްޓަމްސް އަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު 23 އިންސައްތަ އިތުރުވެފައިވާ ކަމަށް ކަސްޓަމުން ހާމަކޮށްފިއެވެ.
އެގޮތުން މިއަހަރު ޖެނުއަރީ މަހު ލިބުނު އާމްދަނީގެ އަދަދު ވަނީ 278 މިލިއަން ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބިފައިވަނީ 224 މިލިއަން ރުފިޔާއެވެ.
ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް ވަނީ 3.8 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައެވެ. މިދިޔަ އަހަރު ޖެނުއަރީ މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 3.2 ބިލިއަން ރުފިޔާގެ މުދަލެވެ.
މިފަހަރު އެންމެ ގިނަ މުދާ އެތެރެ ކޮށްފައިވަނީ އަރަބި ގައުމުތަކުންނެވެ. އިމްޕޯޓު ކުރި މުދަލުގެ 20 އިންސައްތަ އަރަބި ގައުމުތަކުން ގެނެސްފައިވާއިރު 19 އިންސައްތަ މިފަހަރު އެތެރެކޮށްފައިވަނީ ޗައިނާއިންނެވެ.
މީގެ އިތުރުން ޖެނުއަރީ މަހު ރާއްޖެއިން މުދާ އެކްސްޕޯޓު ކުރި މިންވަރުވެސް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާއިރު އިތުރު ވެފައެވެ. 2017 ޑިސެމްބަރުގައި ބޭރަށް އެކްސްޕޯޓު ކޮށްފައިވަނީ 445 މިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިދިޔަ މަހު އެކްސްޕޯޓު ކުރި މުދަލުގެ އަގު ވަނީ 474 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.