Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ހުއްދަ ނެތް ފަރާތްތަކަށް އުމްރާ ފައިސާ ނުދެއްކުމަށް އަންގައިފި

މިއަހަރު މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ދެވިފައިނުވާ ފަރާތްތަކަށް އުމްރާއަށް ދާން ފައިސާ ނުދިނުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ރައްޔިތުންނަށް މިފަދައިން އަންގާފައި މިވަނީ ހުއްދަ ދީފައިނުވާ ބައެއް ފަރާތްތަކުން އުމްރާއަށް ގެންދިއުމަށް ބައެއް މީހުންގެ އަތުން ފައިސާ ނަގަމުން އަންނަ މައްސަލަ ރިޕޯޓު ކުރުމާއި ގުޅިގެންނެވެ.

މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ހުއްދަ ނެތި އުމްރާއަށް މީހުން ގެންދާ ކުންފުނިތަކަށް މީހުން ގޮވައިގެން އުމްރާއަށް ދިއުމަށްފަހު ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށާއި އެފަދަ ކުންފުނިތަކުން މީހުން އުމްރާއަށް ނުގެންދިއުމަށް އަންގަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

ހައްޖު ކޯޕަރޭޝަނުގެ އިތުރުން މިއަހަރު މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ދީފައިވަނީ 16 ކުންފުންޏަކަށެވެ. މިނިސްޓްރީން އިލްތިމާސް ކުރަނީ އެ ކުންފުނިތަކާއެކު އުމްރާއަށް ދިއުމަށެވެ.