Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ޔޫއޭއީން ވެސް ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން އަންގައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ) އިންވެސް ދިވެހި ރާއްޖެއަށް ދަތުރުކުރާ އެގައުމުގެ ރައްޔިތުންނަށް ސަމާލުވާން އަންގައި، ޓްރެވެލް އެޑްވައިސަރީއެއް ނެރެފިއެވެ.

އެގައުމުގެ ފޮރިން އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްކޮޅަކީ ރާއްޖޭގެ ސިޔާސީ މަސްރަހު އިންތިހާއަށް ހަލަބޮލިވެފައިވާ ދުވަސްކޮޅަކަށް ވުމާއެކު ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށާއި ރާއްޖޭގައި އުޅޭއިރު ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ގުޅޭނެ ހޮޓްލައިން ނަމްބަރެއް ހެދިފައިވާ ކަމަށެވެ.

އަދި ޔޫއޭއީގެ ރައްޔިތަކު ރާއްޖެއަށް ދަތުރުކުރާ ނަމަ އެ ދަތުރާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އެ މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ހާއްސަ ޕޯޓަލްއެއްވެސް ގާއިމުކުރެވިފައެވެ.

ޔޫއޭއީގެ އިތުރުން ޗައިނާ، އިންޑިޔާ އަދި އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުން ވަނީ ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލު ވުމަށާއި ކޮންމެހެން ވެސް ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. ރިސޯޓުތަކުން އަންނަނީ ކޮންމެ ދުވަހަކު އެތައް ލައްކަ ޑޮލަރުގެ ގެއްލުން މިކަމުގެ ސަބަބުން ވަމުން އަންނަ ކަމަށް ބުނެފައެވެ.