Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު

ޑެންމާކްގެ ޕްރިންސް ހެންރިކް މަރުވެއްޖެ

ޑެންމާކްގެ ރާނީ މާގްރެތުގެ ފިރިކަލުން ޕްރިންސް ހެންރިކް މަރުވެއްޖެ އެވެ.

ޕްރިންސް ހެންރިކް މަރުވިއިރު އުމުރަކީ 83 އަހަރެވެ.

ފަރަންސޭސްވިލާތަށް އުފަން ޕްރިންސް ހެންރިކް އަކީ އަބަދުވެސް ރަސްގެފާނުގެ ދަރަޖަ ނުލިބުމުގެ ސަބަބުން ހިތްހަމަނުޖެހުން ފާޅުކުރެއްވި ބޭފުޅެކެވެ. އެހެންނަމަވެސް ޕްރިންސް ހެންރިކް އަކީ ގިނަ ބައެއްގެ ރުހުމާއި ލޯބި ލިބިވަޑައިގެންނެވި ބޭފުޅެކެވެ.

މަރުވުމަށްފަހު އަނބިމީހާ ކަމުގައިވާ ރާނީ މާގްރެތު އަރިހުގައި ވަޅުލެވެން ބޭނުންނުވާކަމަށް 2017 ވަނަ އަހަރު ޕްރިންސް ހެންރިކް ވަނީ އިއުލާން ކުރައްވާފައެވެ. އެއީ ހެންރިކް އަށް ރާނީ މާގްރެތު އެކަމަނާއާއި ހަމަހަމަ ދަރަޖައެއް ނުދިނުމާއި ގުޅިގެން އުފެދުނު ނުރުހުންތެރިކަމުގެ ސަބަބުންނެވެ.

އުމުރުން 77 އަހަރުގެ ރާނީ ވަނީ އެކަމަނާގެ ފިރިކަލުންގެ އެ ނިންމުން ޤަބޫލުކުރައްވާފައެވެ.

ޑެންމާކްގެ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕްރިންސް ހެންރިކް ނިޔާވީ ރާނީ މާގްރެތު އާއި ދެ ދަރިކަލުންގެ އަރިހުގައި ފްރެޑެންސްބޯގް ގަނޑުވަރުގައި ކަމަށެވެ.

ހެންރިކް އަށް ޑިމެންޝިއާ ބަލި ޖެހިވަޑައިގެންފައިވާކަން މިދިޔަ އަހަރު އިއުލާންކޮށްފައިވާއިރު، ދާދިފަހުން ފުއްޕާމޭގެ އިންފެކްޝަނެއް ޖެހުމުގެ ސަބަބުން ހެންރިކް ވަނީ އާލާސްކަންފުޅާއި އުޅުއްވާފައެވެ.

ޕްރިންސް ހެންރިކް އާއި ރާނީ މާގްރެތު (އޭރު ޕްރިންސެސް މާގްރެތު) ކައިވެނިބައްލަވައިގަތީ 1967 ވަނަ އަހަރު އެވެ.

އެކަމަނާ ޑެންމާކްގެ ރާނީ އަށް ވެވަޑައިގަތީ 1972 ވަނަ އަހަރު އެވެ. އެއިރުއްސުރެ ޕްރިންސް ހެންރިކްގެ ދަރަޖަ ބަދަލުނުކުރުމާއި ގުޅިގެން ހެންރިކް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

އެކަމުގެ ސަބަބުން ޑެންމާކްގެ ގިނަ ރައްޔިތުންގެ ފާޑިކިޔުންތައް ޕްރިންސް ހެންރިކް އަށް ވަނީ އަމާޒުވެފަ އެވެ.

ޕްރިންސް ހެންރިކް އާއި ރާނީ މާގްރެތުގެ ކައިވެންޏަށް ލިބިވަޑައިގަތީ ދެ ދަރިކަލުންނެވެ. އެއީ ކްރައުން ޕްރިންސް ފްރެޑެރިކް އާއި ޕްރިންސް ޔޮއާކިމް އެވެ.