Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ރިލްވާން ގެއްލުވާލި މައްސަލައިގެ ޝަރީއަތް މިއަދު ވެސް ކެންސަލް ކޮށްފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ވެސް ކެންސަލު ކޮށްފިއެވެ.

މިއަދު މެންދުރުފަހު 2:00 އިން 3:00 އަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ ޝަރީއަތް ކެންސަލު ކުރި ސަބަބެއް ކޯޓުން ހާމައެއް ނުކުރެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ތާވަލުކޮށް ކެންސަލުކޮށްފައިވާ އަޑުއެހުމަކީ ރިލްވާން ގެއްލުވާލި މައްސަލައިގައި ދައުވާ ލިބޭ މީހުންނާއި ދެކޮޅަށް ދައުލަތުން ބޭނުންވާ ހެކި ހުށަހެޅުމަށް ބާއްވަން ހަމަޖެއްސި އަޑު އެހުމެކެވެ.

މިއަދު ކްރިމިންލް ކޯޓުގައި ބޭއްވުމަށް ހަމަޖެއްސި އެއަޑުއެހުމަކީ އާލިފް ރައުފާއި މުހައްމަދު ނޫރުއްދީން ގެ މައްޗަށް ދައުލަތުން ހެކި ހުށަހެޅުމަށް ތާވަލުކުރި އަޑު އެހުމެކެވެ. އިއްޔެވެސް އެމައްސަލަ ކޯޓުގައި ތާވަލުކޮށް ވަނީ ކެންސަލުކޮށްފައެވެ.

މި މައްސަލާގައި ދައުވާ ލިބޭ މީހުންނާއި ދެކޮޅަށް ދައުލަތުން 29 ހެކި ހުށަހަޅާފައިވާއިރު ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލައެވެ. އެގޮތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ގ. ހިލްޓަން އާލިފް ރައޫފާއި، ގދ. ވާދޫ ކަރަންކާގޭ މުހައްްމަދު ނޫރުއްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ.

ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާނުގެ މައްސަލަގައި ފުލުހުން ވީޑިއޯއެއް ހާމަކޮށްފައިވާއިރު އެ ވީޑިއޯ އިން ފެންނަ ގޮތުގައި ސައިކަލެއްގައި ސުވައިދު ރިލްވާނަށް ފާރަލަމުން ދެއެވެ.

ރިލްވާން ގަދަކަމުން އެރުވި ރަތް ކާރުގެ ތެރެއިން ފެނުން އިސްތަށި ރިލްވާންގެ މަންމަގެ ޑީއެންއާ ދިމާވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.