ދިވެހިރާއްޖޭގެ މަސައްކަތްތެރި އަދި މަސައްކަތެއް ފަށަން ބޭނުންވާ ކަނބަލުންނަށް ޚާއްސަ ލޯނެއް ތަޢާރަފްކޮށް، އެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
މި ލޯން އިއުލާންކޮށް މިއަދު އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިރުކޮށްފައިވާ ލިޔުމުގައި ބުނެފައި ވަނީ މި ލޯން ސްކީމަކީ އަލަށް ފަށާ ވިޔަފާރިއެއް ނުވަތަ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީކޮށް ހިނގަމުން އަންނަ ވިޔަފާރިތަކަށް، ހުރިހާ ދާއިރާއަކަށްވެސް ބައިވެރިވެވޭނެ ގޮތަށް ހުޅުވާލެވިފައިވާ ސްކީމެއް ކަމަށެވެ.
މީގެ އިތުރުން މި ލޯން ސްކީމްގެ ޖުމްލަ އަދަދަކީ 20،046،000 ރުފިޔާ ކަމަށާއި، މި އަދަދު ހަމަވަންދެން 50،000 ރުފިޔާ އާއި 100،000 ރުފިޔާއާއި ދެމެދުގެ ލޯން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނާ ގޮތުގައި ލޯނުގެ އަދަދު 50،000 ރުފިޔާ އަށްވުރެ ދަށްނަމަ ރަހުމެއް ބޭނުމެއް ނުވާނެ ކަމަށާއި، ނަމަވެސް ލޯނުގެ އަދަދު 50،001 އާއި 100،000 ދެމެދުގެ އަދަދެއްނަމަ ލޯނަށް އެދޭ އަދަދުގެ 130% އަގުހުރި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޤަބޫލުކުރާ ރަހުމެއް ބޭނުންވާނެ ކަމަށެވެ.
މި ލޯނުގައި އަމިއްލަ އަށް ފައިސާ އިންވެސްޓް ކުރަން ޖެހޭނެ މިންވަރަކީ، ހުށަހަޅާ ޕްރޮޖެކްޓުގެ 15 ޕަސަންޓަށް ވާ އަދަދު އެވެ. އަދި އެ ޕްރޮޖެކްޓަށް މިހާތަނަށް އަމިއްލައަށް ފައިސާ ހަރަދުކޮށްފައިވާ ނަމަ އޭގެ އިންވޮއިސްތަކާއި ބިލްތައް ވެސް ހުށަހަޅަން ޖެހެ އެވެ.
9% އިންޓްރަސްޓް ރޭޓްގެ މި ލޯން ގިނަވެގެން 8 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރަންޖެހޭނެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި 1 އަހަރުގެ ދުވަހުގެ ގްރޭސް ޕީރިއަޑަކަށް އެދުމުގެ ފުރުސަތު ލޯނަށް އެދި ހުށަހަޅާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
މި ލޯނަށް އެދި ހުށަހެޅުމުގެ ފޯމާއި ބިޒްނަސް ޕްލޭން ފޯމެޓް، އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި ރާއްޖޭގެ އެކި ރަށްރަށުގައި ހުންނަ ބިޒްނަސް ސެންޓަރުތަކުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި
ލޯނަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 އިން އަންނަ މަހު 1ގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ފެށިގެން މެންދުރު 14:00 އާއި ހަމައަށެވެ.
އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވަން ބޭނުން ފަރާތްތައް މި މުއްދަތުގެ ތެރޭގައި [email protected] އަށް އީމެއިލްއިން ފޮނުވައިގެން ވެސް ފޯމް ހުށަހެޅުއްވޭނެ އެވެ.
މި ލޯނު ސްކީމާއިބެހޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ވެބްސައިޓް www.trade.gov.mv އިން ލިބެން ހުންނާނެ އެވެ.