Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ޚާއްސަ މަންދޫބެއްގެ ގޮތުގައި މުއިއްޒު މައުމޫނާއި ފަނޑިޔާރުންނަށް ޒިޔާރަތް ކުރައްވައިފި

ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލް ޖުމުހޫރިއްޔާ އިއުލާން ކުރެއްވުމަށްފަހު ހައްޔަރު ކުރި ކުރީގެ ރައީސް މައުމޫނާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދަށް، ރައީސް ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައިފިއެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ތިން ބޭފުޅުންނާ ވެސް ޖަލުގައި ބައްދަލުކުރައްވައި، ހާލު އޮޅުން ފިލުވާފައިވާ ކަމަށެވެ. އަދި ތިން ބޭފުޅުންގެ ސިއްހީ ހާލުކޮޅާއި ހުންނަވާ ތަނާ ބެހޭ މައުލޫމާތު ފަދަ ކަންކަން އޮޅުން ފިލުވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އެއިން އެއްވެސް މައުލޫމާތެއް ނުވަތަ ތަފްސީލެއް މުއިއްޒު ހާމަކޮށްފައެއް ނުވެއެވެ. ރައީސް މައުމޫން ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފައިވާއިރު ދެ ފަނޑިޔާރުން ޖަލުގައި ހޭދަކުރައްވަނީ ވަރަށް ދަތި ދުވަސްތަކެއް ކަމަށް ފަނޑިޔާރުންގެ އާއިލާއާއި ވަކީލުން ހާމަކޮށްފައިވެއެވެ.

އެގޮތުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ބާލިދީއެއްގައި ބަތާއި ގަރުދިޔަ އެއްކޮށްގެން ގެނެސްދީފައިވާ ކަމަށާއި އުއްތަމަ ފަނޑިޔާރު އޮންނަ ގޮޅިއަކީ ވަރަށް ހޫނުގަދަ، މަދިރީގެ އަސަރު ފޯރާ އަދި ނުބައި ވަސް ދުވާ ގޮޅިއެއް ކަމަށް އާއިލާއާއި ވަކީލުން ބުނެފައިވެއެވެ.

އަދި ފަނޑިޔާރު އަލީ ހަމީދު ފުރޮޅުލީ ގޮނޑިއެއްގައި ދެ ފުލުހުން ވެގެން ގެންދިޔަ ތަން ފެނިފައިވާ ކަމަށް ވަކީލު އަލީ ޒާހިރު ބުނެފައިވެއެވެ. އަލީ ހަމީދު ވަނީ ހައްޔަރު ކުރިތާ މާ ގިނައިރުތަކެއް ނުވެ ހާލު ދެރަވެ އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްވެސް ކުރައްވާފައެވެ.