Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އައިއެމްޑީސީ "އޮލިއާލިއާ އައިއެމްޑީސީ ހޮސްޕިޓަލް" އަށް ރީބްރޭންޑްކޮށް ސަރަހައްދުގެ އެންމެ ވަރުގަދަ ހޮސްޕިޓަލަށް ހަދަނީ!

އިންޑިއާގެ ބިލިއަނަރު އަބީޝޭކް ވަރުމާގެ އޮލިއާލިއާ ވޯލްޑާ ގުޅިގެން، ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ، ސިމްޑީގެ ވިޔަފާރި ފުޅާކުރުމަށް ނިންމައި، އެ ދެ ކުންފުނީގެ މެދުގައި އެއްބަސްވުމެއް އެކުލަވާލައިފި އެވެ.

ސިމްޑީ އާއި އޮލިއާލިއާ ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި މަހުގެ ނުވަ ވަނަ ދުވަހު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އެކުލަވައިލި އެއްބަސްވުމުގެ ދަށުން ފަސް ކަމެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އައިއެމްޑިސީ ހޮސްޕިޓަލް: ފޮޓޯ/ އައްޑޫ ލައިވް

އެގޮތުން އައްޑޫ ސިޓީގެ ރައްޔިތުންނަށް އެންމެ އުފާވެރި ޚަބަރަކަށް ވެގެންދާނީ ހިތަދޫގައި ސިމްޑީން ހިންގަމުން އަންނަ އައިއެމްޑީސީ ހޮސްޕިޓަލް ތަރައްޤީ ކުރަން އެއްބަސްވެފައިވާ ޚަބަރެވެ.

ސިމްޑީ އާއި އޮލިއާލިއާ އާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އައިއެމްޑީސީ ހޮސްޕިޓަލް "އޮލިއާލިއާ އައިއެމްޑީސީ ހޮސްޕިޓަލް" އަށް ބަދަލުކޮށް، އޮލިއާލިއާ ހެލްތްކެއާގެ ދަށުން ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ހޮސްޕިޓަލްގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، މަތީ ފެންވަރުގެ މެޑިކަލް ޓޫރިޒަމަށް އަމާޒު ކޮށްގެން އިތުރު ހިދުމަތްތައް ފަށާނެ އެވެ. އެގޮތުން ޔޫރަޕްގެ މަޝްހޫރު ޑޮކްޓަރުން ރާއްޖެ ގެނެސް، ކޮސްމެޓިކް ނުވަތަ ޕްލާސްޓިކް ސާޖަރީތައް ހަދަން ފަށާނެ ކަމަށް ވެސް ސިމްޑީ އާއި އޮލިއާލިއާ އިން ނެރުނު ބަޔާނުގައި ވެ އެވެ. އޮލިއާލިއާ އައިއެމްޑީސީ ހޮސްޕިޓަލަށް ތަރައްގީކޮށް ނިމޭއިރު، އެތަނުގައި ވޯޓާ ވިލާތަކާއި ލަގްޒަރީ ކޮޓަރިތައް ހުންނާނެ އެވެ.

ރާއްޖޭގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދައި އޮޕަރޭޓް ކުރުމުގެ ހުއްދަ ދީ، އެކަމަށް ރަސްމީކޮށް ހުށަހެޅުމުގެ ދައުވަތު މީގެ ކުރިން ދިވެހި ސަރުކާރުން ވަނީ އޮލިއާލިއާ އަށް ދީފަ އެވެ. އެ މަސައްކަތްތައް މިހާރު ގޮސްފައި ވަނީ ކިހާ ހިސާބަކަށް ކަމެއް ސާފެއް ނުވެ އެވެ.