Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ޑިސްޓްރިބިއުޝަން ފޮށީގައި ރޯކުރި މައްސަލާގައި ދެމީހަކު ހައްޔަރު

ރޯކޮށްލި ފޮށި ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ: ފޮޓޯ - އެމްއެންޑީއެފް

މާލޭގައި ބަހައްޓާފައި ހުރި ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ބަޔަކު ރޭގެ ވަގުތެއްގައި ރޯކޮށްލި މައްސަލާގައި ދެމީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލާ ހަވާލާދީ "މިހާރު" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދެމީހަކު ހައްޔަރުކޮށް، މައްސަލަ އިތުރަށް ތަހުގީގު ކުރަން ފުލުހުން ވަނީ މިހާރު ފަށާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ފޮށީގައި ރޯކޮށްލުމުގެ ސަބަބުން ރޭ ވަނީ މާލޭގެ ހަތް އިމާރާތަކުން ކަރަންޓު ކެނޑިފައެވެ. ސްޓެލްކޯ އިން މިމައްސަލައާ ގުޅޭ ގޮތުން ބުނެފައިވަނީ އެ ހަތް އިމާރާތަށް ކަރަންޓު ދިނުމަށް ހަތަރު ވަރަކަށް ގަޑިއިރު ބޭނުންވާނެ ކަމަށެވެ.

އަލިފާންގަނޑު ނިއްވާލުމަށް ދިޔަ ފަޔާ އެންޑް ރެސްކިއު ޓީމާ ހަވާލާދީ އެމްއެންޑީއެފުން ބުނެފައިވަނީ މިހާދިސާއަކީ ބަޔަކު ގަސްދުގައި ރޯކޮށްލުމުގެ ސަބަބުން ހިނގާފައިވާ ހާދިސާއެއް ކަމަށް ބެލެވޭ ކަމަށެވެ.

އަލިފާންގަނޑު ނިއްވާލެވިފައިވަނީ ފަތިހު 4:40 އެހާކަށްހާއިރެވެ. އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި މި ފޮށި އިތުރަށް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާ ހުލިވެފައެވެ.