ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ގައުމީ މައްސަލައަކަށް ވުރެ ސަރަހައްދީ "މުސީބާތެއް" ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ ބޮޑެތި ގައުމުތައް ހަނގުރާމައަކަށް ވައްޓާލާ މުސީބާތަކަށް ނަޝީދު ވެފައިވާ ކަމަށެވެ.
މިނިސްޓަރު އިޝާރާތް ކުރެއްވީ އިންޑިޔާ ސިފައިންގެ ޓީމެއް ރާއްޖެއަށް ފޮނުވުމަށް ނަޝީދު ގޮވާލުން ކަމަށް ބެލެވެއެވެ. ނަމަވެސް މިހާރު އިންޑިޔާ ސިފައިން ރާއްޖެ ނާންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ސައީދު އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގެ ވެރިކަން ކުރެއްވި ކޮންމެ އާއިލާއަކާ ދެކޮޅަށް ބަޣާވާތް ކޮށްފައިވާ ކަމަށާއި އެހުރިހާ ފަހަރެއްގައިވެސް ނަޝީދުގެ އާއިލާ ހިމެނޭ ކަމަށެވެ. އަދި ނަޝީދަކީ ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިއެއް ކަމަށް ބުނާ ބުނުމަކީ ދޮގެއް ކަމަށާއި ހުރިހާ ރައީސުންވެސް ރައީސްކަން ކޮށްފައިވަނީ ޑިމޮކްރަޓިކް އުސޫލުން ކަމަށް އޭނާ ބުންޏެވެ.
ސައީދު ވަނީ މީގެ ކުރިން އިދިކޮޅު ލީޑަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ގާސިމް އިބްރާހިމަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އިދިކޮޅު ލީޑަރުންނަށް އެއްޗެހި ގޮވުމަކީ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓަށް ވުމަށް ސައީދު ކުރައްވާ ކަމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.