Last Updated: April 25, 10:16
Thursday, April 25, 2024
މުނިފޫހިފިލުވުން

މަޖޫ އާއި ޖުމަލް އައްޑު އަށް އަންނަނީ

އަންނަ މަހު އައްޑޫގައި އަޅުވާ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމް "ވަކިން ލޯބިން" ގެ ޕްރިމިއާ އަށް އެ ފިލްމްގެ ލީޑް ދެ ތަރިން ކަމަށްވާ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އައްޑު އަށް އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފިލްމްގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ދެ ތަރިންނާ އެކު، އައްޑޫގެ ޕްރިމިއާ އަށް ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ވެސް އައްޑު އަށް އަންނާނެ ކަމަށެވެ.

އައްޑޫގައި "ވަކިން ލޯބިން" ގެ ހަތަރު ޝޯ ދައްކަން ހަޖަޖެހިފައިވާ އިރު، ފިލްމް ފުރަތަމަ ޕްރިމިއާ ކުރާނީ 8 ވަނަ ދުވަހުގެ ރޭ މަރަދޫ ބޮޑޮގޭގަ އެވެ. އެ ތަނުގައި ފިލްމްގެ ޖުމްލަ ތިން ޝޯ ދައްކާނެ އެވެ. އެއީ 8،9 އަދި 10 ގަ އެވެ.

މީދޫގައި ފިލްމް އަޅުވާނީ 9 ވަނަ ދުވަހުގެ ރޭގަ އެވެ.

"އަށް ވަނަ ދުވަހުގެ ރޭ ބޮޑޮގޭގެ ޕްރިމިއާގައި މަޖޫ އާއި ޖުމަލް އަދި ޗިއްޕެ ބައިވެރިވުމަށް ފަހު، ނުވަ ވަނަ ދުވަހުގެ ރޭ މީދޫ ޕްރިމިއާގައި ވެސް ބައިވެރިވާނެ." މޮގާ ބުންޏެވެ. "މި ޕްރިމިއާތަކުގައި ފިލްމް ބަލަން ދާ މީހުންނަށް ތަރިންނާ އެކު ސެލްފީ ވެސް ނެގުމުގެ ފުރުސަތު ލިބޭނެ."

އައްޑޫގެ ޝޯތަކުގެ ޓިކެޓް މިހާރު އަންނަނީ ވިއްކަމުންނެވެ. ޓިކެޓް ހޯދަން ގުޅަން ޖެހެނީ 9999641 އަދި 9997049 އަށެވެ. ގުޅައިގެން މިހާރު ބުކް ކުރެވޭނެ އެވެ.

އާއިލީ ވާހަކައަކަށް ހަދާފައިވާ "ވަކިން ލޯބިން" މާލޭގައި ޕްރިމިއާ ކުރަނީ އަންނަ މަހުގެ 5 ގަ އެވެ.