Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ގާޒީ މަރިޔަމް ވަހީދުގެ މައްޗަށް ނެރުނު އަމުރު ބާތިލްކޮށްފި

ޤާޟީ މަރިޔަމް ވަހީދު

ސިވިލް ކޯޓްގެ ޤާޒީ މަރިޔަމް ވަހީދަށް ޝަރީއަތް ކުރުމުގެ ހައިސިއްޔަތު ނެތްކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އަމުރު ބާތިލްކޮށް އަލުން ކޯޓަށް ނިކުތުމަށް މަރިޔަމް ވަހީދަށް އަންގަވައިފިއެވެ.

އެގޮތުން މަރިޔަމް ވަހީދަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ނުކުރެވޭނެކަމަށް ކަނޑައަޅައި ސްޕްރީމް ކޯޓުން އަމުރެއް ނެރުނީ ވ. ބޮޑުމޮހޮރާގެ މައްސަލާގައި ގާޒީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ކުރި ހުކުމަކާއި ގުޅިގެން ހަމަ އެދުވަހުއެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ވ. ބޮޑުމޮހޮރާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ކުއްޔަށް ދިނުމަށްޓަކައި އެއްބަސްވުމަކަށް ވާސިލް ވުމަކީ ސަރުކާރަށް ލިބިފައިވާ އިޚްތިޔާރީ ބާރެއް ކަމަށް އެ ކޯޓުން ކަނޑައަޅާފައި ވަނިކޮށް، 16 ފެބްރުއަރީ 2017 އިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެގްރީމެންޓްގައި ސޮއި ކުރުމަށް ލާޒިކްމޮށް މަރިޔަމް ވަހީދު ޙުކުމް ކޮށްފައިވާ ކަމަށެވެ.

އެފަދަ އެގްރީމެންޓެއްގައި ސޮއި ކުރުމަށް ސަރުކާރުގެ މައްޗަށް މަޖުބޫރު ކުރާ ނުވަތަ ލާޒިމް ކުރާ ޤާނޫނީއެއްވެސް އަސާސެއް ނެތް ކަމަށްވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.

އެހެންކަމުން، ގާނޫނު އަސާސީގެ 145 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ގާނޫނުގެ 30 ވަނަ މާއްދާ އާއި ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 86 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތް ކުރުމުގެ ޝަރުއިއްޔަތާއި އަހުލިއްޔަތާއި ވިލާޔަތު މަރިޔަމް ވަހީދުގެ ކިބައިން ގެއްލިފައިވާ ކަމަށް ކަނޑައަޅާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.

އެހެންނަމަވެސް ސުޕްރީމް ކޯޓުން ވަނީ މިހާރު އެ އަމުރު ބާތިލްކޮށް، އަލުން ކޯޓަށް ނިކުތުމަށް މަރިޔަމް ވަހީދަށް އަންގަވާފައެވެ.

މިމައްސަލާގައި ގާޒީ މަރްޔަމް ވަހީދާއި މެދު އަޅާފައިވާ ފިޔަވަޅަކީ އެއްވެސް ކުށަކާއި ނުލާއަޅާފައިވާ ފިޔަވަޅެއްކަމަށް ބުނެ ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނެތް ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން ކަންބޮޑުވުންފާޅުކޮފައެވެ.

މީގެ އިތުރުން ގާޒީ މަރިޔަމް ވަހީދުގެ ޝަރީއަތް ކުރުމުގެ ހައިސިއްޔަތު ނިގުޅައިގެންފައިވާތީ އުއްތަމަ ފަނޑިޔާރާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މެދު ފިޔަވަޅު އަޅައި ދިނުމަށް އިދިކޮޅު އެމްޑީޕީން ޖުޑިޝަލް ސާވިސް ކޮމިޝަންގައި މީގެކުރިންވަނީ އެދިފައެވެ.

އެހެންނަމަވެސް މަރިޔަމް ވަހީދުގެ ޝަރީއަތް ކުރުމުގެ ހައްޤު ނިގުޅައިގަތް މައްސަލާގައި ޖުޑީޝަލް ސާރވިސް ކޮމިޝަނުން އެއްވެސް ކަމެއް ނުކުރެވޭނެކަމަށް އެކޮމިޝަނުންވަނީ މީގެ ކުރިން ނިންމާފައެވެ.