Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ރައީސް މައުމޫންގެ މައްޗަށް ހެކި ފޮރުވި ކަމުގެ ތުހުމަތު ކުރައްވައިފި

ސަރުކާރު ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް ހެކި ފޮރުވިކަމުގެ ތުހުމަތު ކުރައްވައިފިއެވެ.

ރައީސް މައުމޫންގެ ޤާނޫނީ ވަކީލު މައުމޫން ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް މައުމޫންގެ މައްޗަށް އާ ތުހުމަތުތަކެއް ކުރެއްވިކަން ފުލުހުން އަންގާފައިވާ ކަމަށާއި، އެ ތުހުމަތަކީ ހެކި ފޮރުވި ކަމުގެ ތުހުމަތު ކަމަށެވެ. އަދި އެއީ ކޮން ހެކިތަކެއްކަން ފުލުހުން އަންގާފައިވާ ނުވާ ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.

މި ހިނގާ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ރައީސް މައުމޫންގެ ގެކޮޅަށް ގަދަ ބާރުން ވަދެގަނެ، ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، އެމެމްބަރުންނާ ގުޅިގެން ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގިނަ ހެކިތަކެއް ފުލުހުންނަށް ވަނީ ލިބިފައެވެ.

ނަމަވެސް މި ހުރިހާ ތުހުމަތުތަކަކަށް ރައީސް މައުމޫން ވަނީ އިންކާރު ކުރައްވާފައެވެ.