ޖަލުގައި ހައްޔަރުކޮށްފައިވާ ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ހާލަތާ ގުޅޭ ގޮތުން ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ޖަލަށް ވަޑައިގެންނެވި ހައުސިން މިނިސްޓަރ، ޑރ. މުއިއްޒު ހާމަކޮށްފައިވަނީ ހަގީގަތެއް ނޫން ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ހާލު ބެއްލެވުމުގެ ގޮތުން ޖަލަށް ވަޑައިގެންނެވުމަށްފަހު މުއިއްޒު ވިދާޅުވެފައިވަނީ ތިން ބޭފުޅުންނާ މެދުވެސް ޖަލުގައި އަމަލު ކުރަމުން ދަނީ ރަނގަޅަށް ކަމަށެވެ.
ނަމަވެސް އުއްތަމަ ފަނޑިޔާރުގެ ވަކީލުން ވިދާޅުވެފައިވަނީ އެމަނިކުފާނާ ދޭތެރޭ ޖަލު އޮފިސަރުން އަމަލު ކުރަމުންދަނީ ރަނގަޅަށް ކަމަށް އެއްވެސް މީހެއްގެ ކައިރީ ބުނެފައިނުވާ ކަމަށާއި އެމަނިކުފާނު ބަހައްޓާފައި ހުރި ގޮޅިއަކީ އިންސާނުން ބަހައްޓަން އެކަށީގެންވާ ތަނެއް ނޫން ކަމަށް މިނިސްޓަރު ވަޑައިގަތުމުން ދަންނަވާފައިވާ ކަމަށް ވަކީލުން ބުނެފައިވެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ޓީމެއްވެސް ފަނޑިޔާރުންގެ ހާލު ބެއްލެވުމަށް ޖަލަށް ވަޑައިގެންފައިވާ ކަމަށާއި އެބޭފުޅުންގެ އަރިހުގައިވެސް އެވާހަކަތައް އުއްތަމަ ފަނޑިޔާރު ދެންނެވި ކަމަށް ވަކީލުން ބުނެފައިވެއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ މެދު ޖަލުގައި އަމަލު ކުރަމުން ދަނީ ވަރަށް ލާއިންސާނީ ގޮތަކަށް ކަމަށް އާއިލާއާއި ވަކީލުން ވަނީ މީގެ ކުރިންވެސް ހާމަކޮށްފައެވެ. އެގޮތުން އެމަނިކުފާނު އޮންނަ ޖަލު ގޮޅިއަކީ ފަންކާއެއް ހުންނަ ގޮޅިއެއް ނޫން ކަމަށާއި މަދިރީގެ އުނދަގޫ ފޯރާ، އަދި އެހާމެ ނުބައި ވަސްވެސް ދުވާ ގޮޅިއެއް ކަމަށް ވަކީލުން ބުނެފައިވެއެވެ.
އަދި އެއް ދުވަހުގެ މެންދުރުގެ ކެއުމަށް ބަތާއި ގަރުދިޔަ ބާލިދީއެއްގައި އެއްކޮށްގެން ގެނައި ކަމަށާއި އުއްތަމަ ފަނޑިޔާރު ސައީދަކީ ހަކުރު ބައްޔަށް ފަރުވާ ހޯއްދަވަމުން އަންނަ ބޭފުޅެއް ކަން އަންގާފައިވާއިރުވެސް އާދަޔާ ޚިލާފަށް ފޮނި ރަހަ ގަދަ ސައިތައްޓެއް ބުއިމަށް ގެނެސްފައިވާ ކަމަށް އާއިލާއިން ބުނެ، ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އަދި އަމިއްލައަށް މަގާމުން އިސްތިއުފާ ދިނުމަށް ހުށައަޅައި، އެކި ގޮތް ގޮތަށް ބިރު ދެއްކުމުގެ އަމަލުތައްވެސް ޖަލުގައި ހިންގަމުން އަންނަ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. މިވާހަކަތަކާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތަކުން އެއްޗެއް ހާމަކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.