ޖަލު ހުކުމް ތަންފީޒު ކުރައްވަމުން އަންނަ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު ދޫނިދޫ ޖަލަށް ބަދަލުކޮށްފައިވާ ކަމަށާއި، ބަދަލު ކުރީ އާއިލާއަށް އަދި ވަކީލުންނަށްވެސް އެންގުމެއް ނެތި ކަމަށް އަދީބުގެ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
މާފުށީ ޖަލުގައި ބަންދުކުރެވިފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްވެސް ވަނީ މިއަދުގެ ވަގުތެއްގައި ދޫނިދޫ ޖަލަށް ބަދަލުކޮށްފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައިވަނިކޮށް މައުމޫން ހައްޔަރުކޮށްގެން ފުރަތަމަ ގެންގޮސްފައިވަނީ ދޫނިދޫ ޖަލަށެވެ. ނަމަވެސް ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު މައުމޫން މާފުށީ ޖަލަށް ބަދަލުކުރިއެވެ.
އަދީބު މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް ދޫނިދޫ ޖަލަށް ބަދަލުކުރުމަށް ފަހު އެތަނުގައި ގިނަ ދުވަސްތަކެއް ވަންދެން ވަނީ ބަންދުކޮށްފައެވެ. ނަމަވެސް އަނެއްކާވެސް މާފުށީ ޖަލަށް އަދީބު ބަދަލު ކުރެއްވީ ސުޕްރީމް ކޯޓުން ސިޔާސީ 9 ލީޑަރަކު ވަގުތުން މިނިވަން ކުރުމަށް ކުރި އަމުރާ ގުޅިގެންނެވެ.
މިއަދު އަނެއްކާވެސް މާފުށީ ޖަލުން ދޫނިދޫ ޖަލަށް އަދީބު ބަދަލުކޮށްފައިވާއިރު ބަދަލުކޮށްފައިވަނީ އެކަން އާއިލާއަށް އަދި ވަކީލުންނަށް އެންގުމެއް ނެތިއެވެ.