Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

މި ހަމަނުޖެހުން ނުހިނގިނަމަ އިތުރު ސްކޮލަޝިޕްތައް ދެވުނީސް: ރައީސް

ޖުޑީޝިއަރީ މެދުވެރިކޮށް ގެންނަން އުޅުނު "ބަޣާވާތާއި" އެއަށްފަހު ގައުމުގައި ހިނގި ހަމަނުޖެހުންތައް ނުހިނގި ނަމަ އިތުރު ދެހާސް ވަރަކަށް ސްކޮލަޝިޕް ދެވޭނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނާއެކު ޒުވާނުން ތިބިކަން ދައްކާދިނުމަށް ޒުވާނުންގެ ޚާއްސަ ޖަލްސާގައި ބައިވެރިވެ، ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ގައުމު ހަލަބޮލިކަމަކަށް ވައްޓާލުމަށްފަހު ގައުމުގެ އަމަން އަމާންކަން ބެލެހެއްޓުމަށް ސިފައިންނާއި ފުލުހުން ބޭތިއްބުމަށް ދާ ޚަރަދަކީ ދިވެހި ޒުވާނުންނަށް އިތުރު ދެހާސް ސްކޮލަޝިޕް ދެވޭނެ ވަރުގެ ޚަރަދެއް ކަމަށެވެ.

އަދި އިދިކޮޅު ފަރާތްތަކުގެ މައިގަނޑު މަގުސަދަކީވެސް އެފަދަ ކުރިއެރުންތައް ދިވެހިންނަށް ހޯދައި ދިނުމުން މަހްރޫމް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. ގައުމުގައި މައްސަލަތައް ހިނގާނަމަ ރައީސް ޔާމީންގެ ވަގުތު ދާނީ ގައުމު ކުރިއެރުވުމުގެ ބަދަލުގައި އެ މައްސަލަތައް ހައްލު ކުރުމަށް ކަމަށާއި އެކަންތައްތަކަށް އެމަނިކުފާނު ހުންނަވާނީ "ޕްރިއޮކިއުޕައި" ވެފައި ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ގދ. ތިނަދޫ އިންޖީނުގޭގައި ބަޔަކު ގަސްދުގައި ރޯކޮށްލުމުގެ ސަބަބުން ވެސް ދައުލަތުން އެތައް ޚަރަދެއް ކުރަން ޖެހުނު ކަމަށާއި އެއީވެސް އެތައް ސްކޮލަޝިޕެއް ދެވޭނެ ފައިސާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެފަދަ ކަންތައްތަކަކީ އިދިކޮޅު ފަރާތްތަކުން ޒުވާނުންގެ ބޮލުގައި "ޕްލާންޓު" ކުރާ ވިސްނުންތައް ކަމަށާއި އެފަދަ ކަންކަމުން ޒުވާނުން ދުރުވެ ތިބުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ވެރިކަމަކީ ރައީސްގެ ލޯންޗުކޮޅުގައި ބޮން ގޮއްވާލައިގެން ނުވަތަ މަގުމަތިން ވައްޓާލަން ޖެހޭ އެއްޗެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ވޯޓުން ނިންމާ ނިންމުއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ގެންނަން އުޅުނު "ބަޣާވާތްފުޅަށް" ވެސް ރައީސް ޔާމީން ފާޑު ވިދާޅުވެފައިވެއެވެ.

ރައްޔިތުން ބޭނުންވާ ތަރައްގީ ނުގެނެސްދެވޭ ވެރިއަކަށް ވެރިމީހާ ވެއްޖެނަމަ އެވެރިޔަކު ބަދަލުކުރުމަކީ ރައްޔިތުންގެ ނިންމުމެއް ކަމަށާއި މިއަދުގެ ހަގީގަތަށް ބަލާއިރު ރާއްޖޭގެ ރައީސް ކަމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ރައީސް ޔާމީން ކަމަށް އެމަނިކުފާނު ވަނީ މިރޭގެ ޖަލްސާގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނަށް ވޯޓުދިނުން ނުން އެހެން "ޗޮއިސް" އެއް ނެތްކަމަށް ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވުމުން ވިދާޅުވެފައިވެއެވެ.