Last Updated: April 18, 22:36
Friday, April 19, 2024
ކޮލަމް

އައިޓީޕާކުގެ ވައުދަށް 1565 ދުވަސް، ރައީސް "ފޮގެޓް" ވީތަ!؟

"ޔޫތް ނޭޝަން" ނަމުގައި ރޭ ބޭއްވި ހަފްލާއެއްގައި ރައީސް އަބްދުﷲ ޔާމީން އިނގިރޭސި ބަހާއި ދިވެހި ބަސް އެއްކުރައްވައިގެން ލައްކަ ގިނަ ވާހަކަތަކެއް ދެއްކެވިއެވެ. ޒުވާނުންގެ މުހިއްމު ކަމާއި އެމީހުން ބާރުވެރިކުރުވާ ވާހަކައެވެ. އަދި ސިޔާސީ ފަރާތްތަކުން ޒުވާނުންގެ ބަސް އަޑުއަހަން ޖެހޭ ވާހަކަ ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ޒުވާނުންގެ ބަސް އަޑުއަހާ ވާހަކަ ވިދާޅުވުމާއި އެކު ހަނދާނަށް އައީ، 2013 ވަނަ އަހަރުގެ ނޮވެމްބަރު 5 ވަނަ ދުވަހު އައްޑޫގެ ޒުވާނުންނަށް އައިޓީ ޕާކެއް އަޅުއްވައި ދެއްވާނެ ކަމަށް އެމަނިކުފާނު ވެވަަޑައިގެންނެވި ވައުދެވެ. ޒުވާނުންގެ އަޑުއެމަނިކުފާނު އައްސަވާނަމަ އެ ވައުދުގެ ވާހަކަ ފާއިތުވި 1565 ދުވަހުގެ ތެރޭގައި ނުދެއްކެވީ ކީއްވެގެން ހެއްޔެވެ؟

2013 ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އޭރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ގޮތުގައި ހުންނެވި ޔާމީން ވިދާޅުވި ގޮތުގައި އައިޓީ ޕާކެއް ޤާއިމް ކުރުމަކީ ވަރަށް ފަސޭހަ އަދި ބޮޑެތި ޚަރަދު ހިނގާނެ ކަމެއް ނޫން ކަމަށެވެ. އެއީ ވަރަށް ފަސޭހަ ކަމެއްގެ ގޮތުގައި އޭރު ވިދާޅުވިއެވެ.

އެހެން ނަމަވެސް ވެރިކަމަށް ވަޑައިގެން 5 އަހަރުގެ ދައުރެއް ނިމިގެންދާއިރު ވެސް އެ އައިޓީ ޕާކުގެ މަސައްކަތް ނުފެށުނު އިރު އެވާހަކަ އެއް ވެސް ނުދައްކަވައެވެ.

އައިޓީޕާކު ވީތަނެއް އެނގޭ ވަޒީރެއް، ކޯޑިނޭޓަރެއް އަދި އެކްޓިވިސްޓެއް ވެސް ނެތެވެ. އެމީހުން ދައްކަނީ "2018 ޔަގީން" ވާހަކައެވެ.

ފަހަރެއްގައި ރައީސް ޔާމީން އައިޓީ ޕާކް ވައުދު ހަމަ އެއްކޮށް "ފޮގެޓް" ވީ ކަމަށް ވެސް ވެދާނެއެވެ.