Last Updated: April 26, 17:59
Friday, April 26, 2024
ޚަބަރު

މުޒާހަރާގެ ބައިވެރިން ގަދަ ބާރުން ބޭރުކޮށް، ތަން ހުސްކޮށްފި

މިއަދު މާލޭގައި އިދިކޮޅު ފަރާތްތަކުން އިންތިޒާމް ކޮށްގެން ބޭއްވި ސުލްހަވެރި މުޒާހަރާ ތެރެއަށް ހަތިޔާރު އެޅި ފުލުހުން ވަދެ، ގަދަ ބާރުން ބައިވެރިން ނެރެ އާޓިފިޝަލް ބީޗު ސަރަހައްދު ހުސްކޮށްލައިފިއެވެ.

ފުލުހުން ވަނީ މާލޭގެ އިތުރުން މުޒާހަރާ ކުރި ހުރިހާ ސަރަހައްދެއްގައި މުޒާހަރާ އަށް ހުރަސް އަޅާފައެވެ. މާލޭގައި މުޒާހަރާ ރޫޅާލުމަށް ފުލުހުން ކުރި މަސައްކަތުގައި ބައިވެރިންނަށް ވަނީ ތަފާތު އަނިޔާތައްވެސް ލިބިފައެވެ. އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އެމްޑީޕީން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން މިއަދުގެ އެއްވުންތައް ރޫޅާލާފައިވަނީ އެ އެއްވުންތަކަކީ ސުލްހަވެރި އެއްވުންތަކެއް ކަމަށް ނުބެލެވޭ ކަމަށް ބުނެފައެވެ. އަދި އެއްވުންތަކަށް ޖާގަ ނުދޭނެ ކަމަށް ފުލުހުން ވަނީ މުޒާހަރާ ނުފެށެނީސް ވެސް ބުނެފައެވެ.

އިދިކޮޅު ފަރާތްތަކުން އަންނަނީ ގާނޫނީ ގޮތުން ލިބިދޭ ހައްގަކަށް ފުލުހުން އެއްވެސް ބެލުމެއް ނެތި އަރަމުންދާކަން ބޭރުގެ މީޑިޔާތަކާއި ބައިނަލް އަގުވާމީ ދުނިޔެއާ ހިއްސާ ކުރަމުންނެވެ. މިއަދުގެ މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފެށުމުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެފައިވަނީ ފުލުހުން އެއްވުން ސުލްހަވެރި ނުވާނެ ކަމަށް ބުނި ނަމަވެސް އެބޭފުޅުން ގާނޫނާއި ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

އަދި ގާނޫނާއި ޚިލާފު ކަމެއް ކުރުމަށް ހިތްވަރުދީ، ނުވަތަ އެފަދަ ކަމަކަށް ގޮވާލާފައިވެސް ނުވާނެ ކަމަށާއި އެބޭފުޅުން އެތަނަށް އެއްވެ ޚިޔާލު ފާޅުކުރަމުން ދިޔައީ ގާނޫނު އަސާސީއިން ކޮންމެ ރައްޔިތަކަށްވެސް ލިބިދޭ އަސާސީ ހައްގެއް މަތިން ކަމަށާއި ފުލުހުންނަށް ބާރުގެ ބޭނުން ކުރުމުގެ ހައްގެއް ލިބިފައި ނުވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.