Last Updated: April 20, 18:15
Saturday, April 20, 2024
ޚަބަރު

މުޅި ރާއްޖޭގައި މުޒާހަރާ "ވޯމްއަޕް" ކުރިއަށް، ފުލުހުން ދަނީ ހުރަސް އަޅަމުން!

ގިނަ ދުވަސްތަކެއް ވަން ދެން ބޮޑު މުޒާހަރާއެއް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ނުބޭއްވި ވަނިކޮށް މިއަދު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި "ވޯމްއަޕް" މުޒާހަރާ ފެށިގެން ކުރިއަށް އެބަދެއެވެ.

ފުލުހުންނާއި ސިފައިން ރާއްޖޭގެ އެއްވެސް ރަށެއްގައި އެއްވިޔަ ނުދޭނެކަމަށް ބުނެފައިވަނިކޮށް އެތައް ހާސް ބަޔަކު ވަނީ ސުލްހަ ވެރިކަމާއި އެކު ނިކުމެ ޝުއޫރު ފާޅުކޮށްފައެވެ. އެގޮތުން މާލެ އާއި އައްޑޫގައި އެތައް ބަޔަކު ނިކުމެ ސަރުކާރާއި ދެކޮޅަށް ވަނީ އަޑު އުފުލާފައެވެ.

މާލޭ އާޓިފިޝަލް ބީޗް ސަރަހައްދު ބަންދުކޮށް އެމްޑީޕީގެ ހަރުގެ އާއި އިސް ފަރާތްތައް ހައްޔަރު ކުރިނަމަވެސް އެތައް ބަޔަކު ވަނީ ޝުއޫރު ފާޅުކޮށްފައެވެ.

އައްޑޫ ސިޓީއަށް ބަލާއިރު ހިތަދޫން ނިކުތް ވެހިކަލް ބުރު ހިތަދޫ ބޮޑުމަގުގައި ހުންނަ ޝީޝާ ހިސާބުން ޝީލްޑާއި އެކު ފުލުހުން ނިކުމެ ހުއްޓުވި އިރު މަރަދޫން ނިކުތް މީހުން މަރަދޫ ހަންކެޑެ ބްރިޖް މަތިން ވަނީ ހުއްޓުވާފައެވެ. މީގެ އިތުރުން ފޭދޫން ނިކުތް ފަރާތްތައް ފޭދޫގައި ވަނީ ބަންދުކޮށްފައެވެ.

މީގެ އިތުރުން ބ. ތުޅާދޫން ނިކުތް މީހުން ހުއްޓުވާފައިވަނީ ކަރުނަ ގޭސް ޖަހައިގެންނެވެ. މީގެ އިތުރުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ވަނީ މަގު މައްޗަށް ނިކުމެފައެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަދުގެ އެއްވުމަށް "ވޯމްއަޕް" ކިޔާފައިވާ އިރު އެފަރާތްތަކުން ބުނެފައިވަނީ މިއީ ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން "ވޯމްއަޕް" ފެށީކަމަށެވެ.

ފުލުހުން މިއަދު އެއްވުމާއި ވެހިކަލް ބުރަށް ހުރަސް އެޅި އިރު އެތައް ބަޔަކު ވަނީ ފުލުހުން އިދިކޮޅު ފަރާތްތަކަށް އެކަނި ހުރަސްއަޅާ މައްސަލަ ޖައްސާފައެވެ. އެގޮތުން އެއްވި މީހުން ވަނީ ޕީޕީއެމްއަށް އެއްވެ ޖަލްސާ ބާއްވައި ބުރު ޖެހުމަށް ފުލުހުން އެެއްބާރުލުންދޭ އިރު އިދިކޮޅު ފަރާތްތަކަށް އެފުރުސަަތު ނުދޭތީ ނުރުހުން ފާޅުކޮށް އަޑުއުފުލާފައެެވެ.