Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

ރާއްޖެޓީވީ، ވީޓީވީ އާއި މެދު ހަރުކަށި ފިޔަވަޅު އަޅަންޖެހޭ: އަބްދުއްރަހީމް

އާއްމުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަބަރާއި މައުލޫމާތު ގެނެސްދޭ މީޑިއާއި ތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމް ވިދާޅުވެއްޖެއެވެ.

މީގެ އިރުކޮޅެއް ކުރިން ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ރާއްޖެ ޓީވީ އާއި ވީޓީވީގެ ނަން ފާހަގަކޮށް ވިދާޅުވީ "ފިތުނަ ފަސާދަ" އުފައްދާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭކަމަށެވެ.

އަބްދުއް ރަހީމް ވިދާޅުވީ ރާއްޖެ ޓީވީ އާއި ވީޓީވީން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެއްދުން ކަމަށެވެ. އަދި އެކަމަށް ފުރުސަތު ނުދޭނެ ކަމަށް އަބްދުއް ރަހީމް ވިދާޅުވިއެވެ.

އަބްދުއް ރަހީމް މިފަދައިން ވިދާޅުވިތާ މަދު މިނިޓް ކޮޅެއްގެ ތެރޭގައި އެސްއޯ ފުލުހުން ވަނީ ނޫސްވެރިން ފަހަތަށް ޖައްސާ ގޯޅިގަނޑަކަށް ވައްދައި ބާރުގެ ބޭނުންކޮށް ދެ ނޫސްވެރިޔަކު ހައްޔަރުކޮށްފައެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ އަބްދުއް ރަހީމް ފާހަގަ ކުރި ވީޓީވީ އާއި ރާއްޖެޓީވީގެ ދެ ނޫސް ވެރިންނެވެ.