Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

ހުސެއިންގެ ހާލު ސީރިއަސް، ފަރުވާ ދެމުންދަނީ އޭޑީކޭގައި!

ރާއްޖެޓީވީގެ ހަސަން ހުސެއިން، ފޮޓޯ: ސޯޝަލް މީޑިއާ

ރާއްޖެ ޓީވީ އާއި ވީޓީވީ އާއި މެދު ހަރުކަށި ވިޔަވަޅު އަޅާލަން ވެރިކަން ކުރާ ޕީޕީއެމްގެ ނައިބް ލީޑަރ ފާޅުގައި ގޮވާލިތާ މަދު މިނިޓްކޮޅެއްގެ ތެރޭގައި އެސްއޯ ފުލުހުން ބާރު ބޭނުންކޮށްގެން ހައްޔަރު ކުރި ރާއްޖެ ޓީވީގެ ނޫސްވެރިއާ ހަސަން ހުސެއިންގެ ހާލު ސީރިއަސް ވުމާއި ގުޅިގެން އޭޑީކޭގައި ފަރުވާ ދެމުން އެބަދެއެވެ.

ފުލުހުން ހުސެއިން ހައްޔަރު ކުރުމާއި ހަމައަށް މަންޒަރު ވަނީ ލައިވްކޮށް ގެނެސްދީފައެވެ. ރޭގެ މުޒާހަރާ ގެނެސްދިމުނުގައި ބަޠަލެއް ފަދައިން މަސައްކަތް ކުރި ހުސެއިން ހައްޔަރު ކުރުމުގެ ކުރިން އެސަރަހައްދަށް އެސްއޯ ފުލުހުން ޕެޕަރ ސްޕްރޭ ޖަހައި ބައެއް ނޫސްވެރިން ކޮއްޕާ ވައްޓާލާފައިވާ ކަމަށް ނޫސްވެރިން ބުނެއެވެ.

ހުސެއިން ހައްޔަރު ކުރުމަށްފަހު ގަލޮޅު ވިލީ ފުލުހަށް ގެންގޮސް ފަހުން ފުލުހުންގެ މައި އިދާރާއަށް ގެންދެވުނެވެ. ނަމަވެސް ހުސެއިންގެ ހާލު ވަރަށް ސީރިއަސް ވުމުން ހޮސްޕިޓަލަށް ގެންގޮސް ދިނުމަށް ތަކުރާރުކޮށް ފުލުހުން ގާތު އެދުނުކަމަށް ހުސެއިންގެ ވަކީލް މޫސާ ސިރާޖު ވިދާޅުވިއެވެ.

މިހާތަނަށް އާއްމުވެފައިވާ ފޮޓޯތަކުން ހުސެއިންއަށް އަނިޔާވެފައިވާ މަންޒަރު ފެނެއެވެ.

ރޭގެ މުޒާހަރާ ރޫޅާލުމުގައި އެސްއޯ ފުލުހުން އެންމެ ބޮޑަށް ހުރަސް އަޅާފައިވަނީ މީޑިއާގެ ފަރާތްތަކަށެވެ. އެގޮތުންވެސް ވީޓީވީ އާއި ރާއްޖެޓީވީގެ ނޫސްވެރިންނަށް އަމާޒުކޮށް ޕެޕަރ ސްޕްރޭ ޖެހިކަން މުޒާހަރާ ކަވަރު ކުރަމުން ދިޔަ ނޫސްވެރިން ފާހަގަކުރިއެވެ.

ކުއްލި ހާލަތު އިއްލާންކޮށް ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް އެއް ނުވެވޭނެކަމަށަ ފުލުހުންނާއި ސިފައިން އަންގާފައި ވަނިކޮށް އެތައް ހާސް އާއްމު ރައްޔިތުން ވަނީ ނިކުމެ، ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާއަށް ގޮވާފައެވެ. އިއްޔެ ހަވީރު މާލޭގެ މަގުތަކަށް ނިކުތް މީހުން ރޭ ވަރަށް ދަންވަންދެން އިހްތިޖާޖުކޮށް އަޑު އުފުލާފައިވެއެވެ.