Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ގާސިމްގެ މުދާ ވިއްކައިގެންވެސް ލާރިކޮޅު އަތުލަން ޖެހޭ: އަދުރޭ

photo: mihaaru news

ޖުމުހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ކުންފުނި "ވިލާ" އިން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާނަމަ އެމަނިކުފާނުގެ މުދާ ވިއްކައިގެންވެސް އެފައިސާ އަތުލަން ޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވެފައިވަނީ ގައުމު ހަލަބޮލި ކުރެއްވުމުގެ މަސައްކަތުގައި އުޅުއްވަނީ ގާސިމް ކަމަށް ވިދާޅުވެފައެވެ. އަދި އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަށް ޚަރަދު ކުރަނީވެސް ގާސިމް ކަމަށް އަދުރޭ ތުހުމަތު ކުރެއެވެ.

"މިއީ ދިވެހި ރައްޔިތުންގެ ފައިސާ. މިފައިސާ ޚަރަދު މިކުރަނީ ރާއްޖޭގެ އަމްނު ނަގާލަން. މިނިވަންކަން ގެއްލުވާލަން. އިސްލާމް ދީނަށް ނުރައްކާވާ ފަދަ ކަންތައްތައް ކުރަން."

އަދުރޭ އިތުރަށް ވިދާޅުވެފައިވަނީ ގާސިމްގެ ކުންފުނިތަކުން ދައުލަތަށް އެތައް ބައިވަރު ލާރިއެއް ދައްކަން ޖެހިފައިވާއިރު އެމަނިކުފާނުގެ އަތުގައި ތިން ހަތަރު ރިސޯޓު ބާއްވަން ނުޖެހޭ ކަމަށެވެ. އަދި އެމުދާތައް މިހާރުން މިހާރަށް އަތުލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރިސޯޓުތައް ވިއްކާލައިގެން ވިޔަސް، "އަތު ޖެހުނު ގޮތަކަށް" އެ ފައިސާ ގާސިމްގެ އަތުން އަތުލުމަށް އަދުރޭ ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވަނީ ރާއްޖެ ޓީވީއާއި ވީޓީވީއާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ގޮވާލާފައެވެ. އޭނާ އެހެން ބުނެފައިވަނިކޮށް ފުލުހުން ވަނީ ރޭގެ މުޒާހަރާ ކަވަރު ކުރަމުން ދިޔަ ވީޓީވީ އަދި ރާއްޖެ ޓީވީގެ ނޫސްވެރިންތަކެއް ގަދަ ބާރުން ހައްޔަރުކޮށްފައެވެ.

އޭގެ ތެރެއިން އެއް ނޫސްވެރިޔަކަށް ވަރަށް ބޮޑަށް އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލުގައި ވަނީ އެމަޖެންސީގައި ފަރުވާ ދީފައެވެ. ރާއްޖެ ޓީވީގެ ހުސެއިން ހަސަންއަށް ޓޭޒާގެ ހަމަލާތަކެއް ރޭ ފުލުހުން ދީފައިވާ ކަމަށް ޚަބަރު ލިބެއެވެ.