Last Updated: April 19, 21:43
Friday, April 19, 2024
ރިޕޯޓް

ނޫސްވެރިން ތަޅާ ދަމަމުުން ދިޔައިރު ބްރޯޑްކޮމް ހިމޭނުން؟!

ފަހަކަށް އައިސް ދިވެހި ރާއްޖޭގައި އިދިކޮޅު ފަރާތްތަކުން ސިޔާސީ ހަރަކާތެއް ބާއްވައިފިނަމަ އެ ހަރަކާތެއް ކަވަރު ކުރުމަށް ދާ ނޫސްވެރިންނަށް ބޮޑު ބިރަކަށް ވަނީ ވެފައެވެ. ފުލުހުން ނޫސްވެރިން ފަހައި ދުވަން ފެށުމުން ނޫސްވެރިޔެއް ކަމަށް ބުނެ އައިޑީ ބެޖު ދައްކާލުމުން މުގުރު ބުރިން އެތިފަހަރެއް ނުވަތަ އަތުގައި އޮންނަ ޕެޕާ ސްޕްރޭ ފުޅިން ލޮލަށް މިރުސް ދުން ބުރުވާލުން ވަނީ އާންމު ވެފައެވެ.

ޚާއްސަކޮށް ރާއްޖެ ޓީވީގެ ނޫސްވެރިންނަށް މިފަދަ ހާދިސާތަކަކީ އާ ކަމެއް ނޫނެވެ. ރޭގައިވެސް އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ ކަވަރު ކުރުމަށް އެސަރަހައްދަށް ދިޔަ ނޫސްވެރިންނަށް އަމާޒުކޮށްގެން ފުލުހުން އަނިޔާ ދެމުންދިޔަ ކަމަށް ސޯޝަލް މީޑިޔާގައި ވަނީ ވާހަކަ ދެކެވިފައެވެ. ނޫސްވެރިޔެއް ކަމަށް ބުނެ ބެޖު ދިއްކޮށްލުމުން ގަދަ ބާރުން ހައްޔަރުކުރި ތަންވެސް ވަނީ ފެނިގެން ގޮސްފައެވެ.

ރާއްޖޭ ޓީވީގެ ވީޑިއޯ ޖާނަލިސްޓު، ހުސެއިން ހަސަން އަދި ވީޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ގަދަ ބާރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ހުސެއިން އަށް ވަނީ ވަރަށް ބޮޑު އަނިޔާތަކެއް ވެފައެވެ. ނަމަވެސް ފުލުހުން އޭނާ ގެންދިޔައީ ފުރަތަމަ ގަލޮޅުގައި ހުރި ފުލުސް ސްޓޭޝަނަށެވެ. އަދި އެއަށް ފަހު ފުލުހުންގެ މައި އިދާރާއަށް ހުސެން ގެންދިޔައިރުވެސް އޭނާއަށް ރަނގަޅަށް ނުވެސް ހިނގެއެވެ.

މަންޒަރު ދުށް ފަރާތަކުން ކިޔާ ދީފައިވާ ގޮތުގައި ފުލުހުންގެ މައި އިދާރާއަށް ހުސެން ގެންދިޔައިރު އޭނާއަށް ރަނގަޅަށް ނޭވާވެސް ނުލެވެއެވެ. ވަކީލުން ތަކުރާރުކޮށް ހޮސްޕިޓަލަށް ގެންގޮސް ދިނުމަށް އެދުމުންވެސް ފުލުހުން އެކަން ކޮށްފައިނުވާ ކަމަށާއި އެތައް އިރެއް ވަންދެން ހޮސްޕިޓަލަށް ނުގެނެސް ލަސްކުރި ކަމަށް ވަކީލުން ބުނެފައިވެއެވ.ެ

ނޫސްވެރިންނަށް ފާޅުގައި މިފަދަ އަނިޔާތައް ލިބެމުންދިޔަ އިރު ބްރޯޑްކާސްޓިން ކޮމިޝަނުން އޮތީ ހިމޭނުންނެވެ. އެތައް އިރެއް ފަހުން ބްރޯޑްކޮމްގެ ކޮމިޝަނަރ، ޒީނާ ޒާހިރު ކުރި ޓުވީޓެއްގައި ވަނީ "މުޒާހަރާއާއި ހަލަބޮލި ހާލަތުތައް ކަވަރު ކުރުމުގެ ގައިޑްލައިން" ކިޔާފައި ގެޒެޓުގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ.

އަނިޔާ ލިބުނު ނޫސްވެރިންގެ ހައްގުގައި އެއްވެސް އެއްޗެއް ބުނެފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުންވެސް މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ހާމަނުކޮށް ހިމޭނުން ތިބުމަކީ މުއައްސަސާގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ.

ނޫސްވެރިންނަށް އެއްވުމާއި މުޒާހަރާ ކަވަރު ކުރުމުގެ ފުރުސަތެއް ދިނުމެއް ނެތި ފުލުހުންގެ ވާޖިބަށް ހުރަސްއަޅަނީ ކަމަށް ބުނެ ގަސްދުގައި ނޫސްވެރިންނަށް ދެވޭ އަނިޔާއަކީ މި ރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް އެޅޭ ހުރަހެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.