މިހާރު ރާއްޖޭގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ސަރުކާރުން އަމަލު ކުރާ ގޮތް ބަލާނެ ކަމަށް އިންޑިޔާއިން ބުނެފިއެވެ.
އިންޑިޔާގެ އެކްސްޓާނަލް މިނިސްޓްރީން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓްރީގެ ސްޕޯކްސްޕާސަން ރަވީޝް ކުމާރު ވިދާޅުވެފައިވާ އިންޑިޔާއިން ރާއްޖޭގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ރާއްޖޭން އަމަލު ކުރާނެ ގޮތެއް އިންޑިޔާއިން ބަލާނެ ކަމަށެވެ.
އަދި ރާއްޖޭގެ މައްސަލައާ ގުޅޭ ގޮތުން ޗައިނާގެ ފިކުރާއި އިންޑިޔާގެ ފިކުރު ތަފާތު ކަމަށް ރަވީޝް ކުމާރު ވިދާޅުވިއެވެ. އޭނާ ވަނީ ޗައިނާއިން ރާއްޖޭގެ މައްސަލަތައް ދިވެހިންނަށް ހައްލު ކުރެވޭނެ ކަމަށް ބުނި ބުނުމަށް ރައްދު ދެއްވާފައެވެ.
އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގެ މައްސަލަތައް ހައްލުކުރުމުގައި ހުރިހާ ގައުމަކަށްވެސް ބިނާކުރަނިވި ދައުރެއް އަދާ ކުރެވިދާނެ ކަމަށެވެ.
އިންޑިޔާއިން ވަނީ ދިވެހި ރާއްޖެއަށް އިންޑިޔާ ސިފައިން ނުފޮނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައި ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.