Last Updated: June 7, 13:34
Saturday, June 7, 2025
ޚަބަރު

ނޫސްވެރިންގެ އަހުލާގީ މިންގަނޑު ހިފަހައްޓާ: ފުލުހުން

ރާއްޖެޓީވީގެ ހަސަން ހުސެއިން، ފޮޓޯ: ސޯޝަލް މީޑިއާ

ނޫސްވެރިންގެ އަހުލާޤީ މިންގަނޑުތައް ހިފަހައްޓައި ޕްރޮފެޝަނަލް ކަމާއި އެކު މަސައްކަތް ކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެއްވެސް ފަރާތަކުން ހަގީގަތާއި ހިލާފު މައުލޫމާތު ނުފެތުރުމަށާއި، މިފަދަ ހަރަކާތައް ކަވަރު ކުރުމުގައި ނޫސްވެރިންގެ އަހުލާގީ މިންގަނޑު ހިފަހައްޓައި ޕްރޮފެޝަނަލް ވާން ޖެހޭ ކަމަށެވެ.

ފުލުހުން މިފަދަ ބަޔާނެއް ނެރުނު އިރު ރޭ ފުލުހުންގެ އެސްއޯ ފުލުހުންގެ ފަރާތުން ނޫސްވެރިންނާއި މެދު އަމަލު ކުރިގޮތާއި މުހާޠަބް ކުރި ގޮތް ލައިވް ކޮށް ޓީވީ ސްކްރީނުން ވަނީ ފެނިފައެވެ. ރޭ އެސްއޯ ފުލުހުން ވަނީ ނޫސްވެރިންނަށް އަމާޒުކޮށް ޕެޕަރ ސްޕްރޭ ޖަހައި ނޫސްވެރިންނަށް އަނިޔާކޮށްފައެވެ.

އެގޮތުން މުޒާހަރާ ކަވަރު ކުރަމުން ދިޔަ ރާއްޖެ ޓީވީގެ ހަސަން ހުސެއިންއަށް ބޮޑެތި އަނިޔާތަކެއްވަނީ ލިބިފައެވެ.

ނޫސްވެރިންނަށް އަމާޒުކޮށް ފުލުހުން އަމަލު ކޮށްފައިވާކަމަށް ބުނެ އެކަން ހުއްޓާލުމަށް އިދިކޮޅު އެމްޑީޕީ އާއި ޖޭޕީން ވަނީ ގޮވާލާފައެވެ.

ރާއްޖޭގައި ކުއްލި ހާލަތު އިއްލާން ކޮށްފައިވީ ނަމަވެސް މީޑިއާގެ މަސައްކަތަށް ހުރަސް ނޭޅެއެވެ.