Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އެކަނި ހުންނަން ޖެހުނަސް ސާބިތުކަންމަތީ ދެމިހުންނާނަން: މައުމޫން

ފަށާފައިވާ އިސްލާހީ މަސައްކަތުގައި އެކަން ހުންނަން ޖެހުނަސް އެންމެ ފަހު ނޭވާއާ ހަމައަށް ދެމިހުންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވެފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ހާމަކޮށްފިއެވެ.

މައުމޫންގެ ވަކީލުން ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދު ވިދާޅުވެފައިވަނީ މިހާރު ފެންނަ ނިޝާންތަކުން މައުމޫންގެ މައްޗަށް ދައުވާ އެއް އުފުލައި، ހުކުމެއްވެސް އަތުވެދާނެ ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަށެވެ.

ނަމަވެސް އެއީ އެމަނިކުފާނު ދޫދީ، ބިރުން ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށް ހީފުޅު ނުކުރުމަށް މައުމޫން ވިދާޅުވި ކަމަށް މައުމޫން ހަމީދު މިއަދުގެ ބައްދަލުވުމުގައި މައުމޫންގެ ފަރާތުން ރައްޔިތުންނަށް ފޮނުވި މެސެޖުގައި ވިދާޅުވިއެވެ.

އަދި ގާނޫނާއި ޚިލާފަށް ކުރާ އެއްވެސް ތަހުގީގަކަށް އެއްބާރުލުން ނުދިނުމަށް މައުމޫން ގަސްދު ކުރައްވާފައިވާ ކަމަށާއި ގާނޫނީ ތަހުގީގަކަށް ފުލުހުން ފުރުސަތު ދެއްވައިފިނަމަ ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެމަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

އަދި މައުމޫން ދެކޭ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު ހައްޔަރު ކުރި ހުރިހާ ބޭފުޅުން ވަގުތުން މިނިވަން ކުރުމުން ނޫނީ ސަރުކާރާއެކު މަޝްވަރާ ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށްވެސް މައުމޫން ވިދާޅުވެފައިވާ ކަމަށް ވަކީލުން ބުނެފައިވެއެވެ. މިއީ އިދިކޮޅު އިއްތިހާދުން މަޝްވަރާއަށް ދިއުމަށް ސަރުކާރުގެ މައްޗަށް ކުރި އެއް ޝަރުތުވެސް މެއެވެ.

މައުމޫންގެ މައްޗަށް ތުހުމަތު ކުރަނީ ގާނޫނީ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރުމާއި ރިޝްވަތު ހުށައެޅުމުގެ ތުހުމަތެވެ. މައުމޫން ވަނީ މި ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.