Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ކުއްލި ނުރައްކަލުގެ ހާލަތު ދިގުލައިގެންދާނެ: ނަޝީދު

ރައީސުލް ޖުމުހޫރިއްޔާ އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ފަނަރަ ދުވަސް ހަމަވިޔަސް ނިމުމަކަށް ނުގެންނަވާނެ ކަމަށާއި އިތުރަށް ދިގުދަންމާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ "ދަހިންދޫ" ނޫހުން ބޭއްވި ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ނަޝީދު ވިދާޅުވެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ހައްޔަރުކުރި އުއްތަމަ ފަނޑިޔާރު، އަބްދުﷲ ސައީދު އިސްތިއުފާ ދެއްވުމުން ނޫނީ ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ނުގެންނާނެ ކަމަށެވެ.

ނަޝީދު ވިދާޅުވެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީވެސް އުއްތަމަ ފަނޑިޔާރު ހައްޔަރުކުރުމަށް ކަމަށެވެ. އަދި މިހާރު އެމަނިކުފާނު ހައްޔަރުކޮށްގެން ޖަލުގައި ބަންދުކޮށް، އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެމަނިކުފާނު ހުންނެވީ ސާބިތުކަންމަތީ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

އުއްތަމަ ފަނޑިޔާރު މަގާމުން އިސްތިއުފާ ނުދެއްވާހާ ހިނދަކު ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ނުގެންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. މިމަހުގެ ފަސްވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލް ޖުމުހޫރިއްޔާ އިއުލާން ކުރެއްވީ 15 ދުވަހަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމާއެކު އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރަން ފެށިތަން ފެނިގެން ދިޔައެވެ.

ކޮންމެ ދުވަހަކު ރިސޯޓުތަކުން ހަދާފައިވާ ބުކިންތައް ކެންސަލްވެ، ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ކުރިމަތިވެފައި ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ނަމަވެސް ރާއްޖޭގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.