Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

ހެކި ފޮރުވުމުގެ ތުހުމަތު އުއްތަމަ ފަނޑިޔާރަށް!

ކުއްލި ހާލަތު އިއްލާންކޮށް ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ހެކި ފޮރުވުމުގެ ތުހުމަތުކޮށްފައިވާކަމަށް އެމަނިކުފާންގެ ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ހިސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހެކި ފޮރުވުމުގެ ތުހުމަތުކޮށްފައިވާ ކަމަށެވެ.

މިމަހުގެ ފަސް ވަނަ ދުވަހުގެ ރޭ ސަލާމަތީ ބާރުތަކުން ސުޕުރީމް ކޯޓު ހިސޯރުކޮށް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވާ އިރު، ފުލުހުން ބުނެފައިވަނީ އުއްތަމަ ފަނޑިޔާރަށް 2.4 މިލިއަން ޑޮލަރުގެ މަންފާއެއް ލިބިފައިވާކަމަށެވެ. އަދި ރާއްޖެ އާއި ރާއްޖޭން ބޭރުން އިމާރާތްތައް (ފްލެޓް/އެޕާޓްމަންޓް) ގަތުމަށް މަސައްކަތް ކޮށްފައިވާ ކަމުގެ ކިތާބީ ހެކި ހުރިކަމަށެވެ.

ފުލުހުން މިހެން ވިދާޅުވެފައިވާ އިރު ޔޫރަޕިއަން ޔޫނިއަން (އީޔޫ)އަށް ރާއްޖޭން ކަނޑައަޅާފައިވާ ސަފީރު އަހުމަދު ޝިއާން ރޮއިޓާސްއަށް ވިދާޅުވީ އެ ދެ ފަނޑިޔާރުންގެ ތަހުގީގު ރާއްޖެއާ ހިސާބުން ނުނިމޭ ކަމަށާއި އެކަމުގައި ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.