Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

އަމުރު ތަންފީޒު ކުރަންދެން އައްޑޫގައި މުޒާހަރާ ކުރަނީ

ފޮޓޯ: އިބްރާހިމް އަބްދުﷲ

ސުޕުރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރަންދެން ހުއްޓުމެއް ނެތި ކޮންމެ ދުވަހަކު އައްޑޫގައި މުޒާހަރާ ކުރާނެކަމަށް އެމްޑީޕީ އައްޑޫ ދާއިރާއިން ބުނެފިއެވެ.

އެމްޑީޕީ އައްޑޫ ދާއިރާގެ ނައިބް ރައީސް އިބްރާހިމް ރަޝީދު (އިބްރޭ) ބުނީ އެމްޑީޕީ ހިތަދޫ ހަރުގޭގައި ކޮންމެ ދުވަހަކު ހަވީރު 4 ޖަހާއިރު ހަރާކާތް ފެށޭނެ ކަމަށާއި މުޒާހަރާ ހުއްޓާލާނީ ސުޕުރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމުން ކަމަށެވެ.

މިދިޔަ ހުކުރު ދުވަހާއި އަދި ހޮނިހިރު ދުވަހު ބާއްވަން އުޅުނު ވެހިކަލް ބުރު ފުލުހުން ވަނީ މަގު ބަންދުކޮށް ހުއްޓުވާފައެވެ. އެގޮތުން މަރަދޫން ނިކުތް މީހުން މަރަދޫ ހަންކެޑެ ހިސާބުން ބަންދުކުރި އިރު ހިތަދޫން ނިކުތް މީހުންތައް ހިތަދޫ ބޮޑު މަގުގައި ހުންނަ ޝީޝާ އާއި ދިމާލުން ވަނީ ހުއްޓުވާފައެވެ.

ފަހަކަށް އައިސް އައްޑޫގައި ސިޔާސީ ހަރަކާތްތައް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފެށުމާއި އެކު ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ.

އިބުރޭ ބުނީ ގޭގައި މަންޒަރު ބަލަން ނުތިބެ، މި އަނިޔާވެރި ވެރިކަމާއި ދެކޮޅަށް ނިކުންނަން ޖެހޭ ކަމަށެވެ. އަދި އެކަމުގައި ހުރިހާ ރައްޔިތުން އަމަލީ ގޮތުން ބައިވެރިވާން ޖެހޭ ކަމަށެވެ.