Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ލުކާކޫގެ ދެ ލަނޑާއެކު ޔުނައިޓެޑު ކުރިއަށް

އިނގިރޭސި އެފްއޭ ކަޕުގެ ފަސްވަނަ ބުރުގައި ހަޑަސްފީލްޑާއި ދެކޮޅަށް ކުޅުނު މެޗު 0-2 އިން ކާމިޔާބުކޮށްގެން މެންޗެސްޓާ ޔުނައިޓެޑު ޖެހިޖެހިގެން ހަތަރުވަނަ ސީޒަނުގައި މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފިއެވެ. ލުކާކޫ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނެގީ ފުރަތަމަ ދެ މިނެޓު ތެރޭގައެވެ. ޔުއަން މަޓާގެ ފަރާތުން ލިބުނު ހުސް ފުރުސަތެއް އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

ނަމަވެސް ޔުނައިޓެޑުގެ ލަނޑަށްފަހު ހަޑަސްފީލްޑުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ފުރަތަމަ ހާފުގެ ބޮޑުބައި، އެޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ. ޔުނައިޓެޑު މިޑްފީލްޑުން ރޭ ވަނީ ހަޑަސްފީލްޑުގެ ކުޅުން ހުއްޓުވުމަށް ނުކުޅެދިފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ޔުނައިޓެޑުން ވަނީ އަނެއްކާވެސް ލަނޑެއް ޖަހާފައެވެ. މި ލަނޑު ޔުއަން މަޓާ ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ މަޓާ ހުރީ އޮފްސައިޑުގައި ކަމަށް ނިންމާފައެވެ.

ފުޓުބޯޅައިގެ މާހިރުން ވަނީ ވީއޭއާރްގެ ރޭގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ސަބަބަކީ ފެންނަ ފެނުމުން މަޓާ ހުރީ އިދިކޮޅު ޑިފެންޑަރާ ދާދި އެއް ހަމައެއްގައެވެ. ވީއޭއާރު ރީޕްލޭއަށް ބަލާލުމުންވެސް އެކަން ފެންނަ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ދެވަނަ ހާފު ފެށިގެންވެސް ޔުނައިޓެޑަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ލުކާކޫ އޭނާގެ ދެވަނަ ގޯލު ޖެހީ 55 ވަނަ މިނެޓުގައި ކައުންޓާ އެޓޭކަކުން ޔުނައިޓެޑު ކުރިއަށް ދިޔަ ވަގުތުގައެވެ. ސަންޗޭޒް ވަރަށް ހުސްކޮށް ލުކާކޫއަށް ފޮނުވާލި ބޯޅަ އޭނާ ވަނީ އަނެއްކާވެސް ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

މެޗު ނިމިގެން ގޮސްފައިވަނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ. ލުކާކޫގެ ދެ ގޯލަކީ ޔުނައިޓެޑަށް މުޅި މެޗުގައިވެސް ގޯލާ އަމާޒުކޮށް ހެދުނު ދެ ހަމަލާއެވެ. ޔުނައިޓެޑު ސަޕޯޓަރުން ދެކޭ ގޮތުގައި ރޭގެ މެޗުގައި ޕޮގްބާ ނެތުމުގެ ސަބަބުން މުޅި މެޗުގައިވެސް އެތަން ވަރަށް ބޮޑަށް ދައްކާފައިވެއެވެ. ޕޮގްބާއަށް ވަނީ ބަލިވުމުގެ ސަބަބުން މެޗު ގެއްލިފައެވެ. މީގެ އިތުރުން ރޭގެ މެޗުގައި ކީޕަރު ޑެހެއާ އަދި ޑިފެންޑަރު ޖޯންސްވެސް ފެނިގެން ގޮސްފައެއް ނުވެއެވެ. ރަޝްފޯޑްވެސް ވަނީ ރެސްޓެއް ދެވިފައި ކަމަށް ގަބޫލު ކުރެވެއެވެ.