Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

ބަޢާވާތުގެ މައި ކިއްލާއަކީ ކުނޫޒު: އަބްދުއް ރަހީމް

ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރ އަބްދުއް ރަހީމް އަބްދުﷲ. ފޮޓޯ: އަވަސް

ބަޢާވާތްކޮށްގެން ސަރުކާރު ވައްޓާލުމުގެ މައި ކިއްލާ އަކީ ޖުމްހުރީ ޕާޓީގެ ޖަގަހަ ކުނޫޒު ކަމަށް ޕީޕީއެމްގެ ނައިބް ލީޑަރ އަބްދުއްﷲ އަބްދުއް ރަހީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ އާއި ޗެނަލް 13 ވައްދައިގެން ޕީޕީއެމްއިން ކޮންމެ ދުވަހަކު ބާއްވަމުން އަންނަ ނޫސް ކޮންފަރެންސްގައި އަބްދުއް ރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރު ވައްޓާލުމަށް ކިއްލާ ހަދައިގެން ތިބެނީ ޖުމްހުރީ ޕާޓީގެ ހަރުގެ ކުނޫޒުގައި ކަމަށެވެ.

ސަރުކާރު ވައްޓާލުމަށް އަޑީގައި ހުންނެވީ ގާސިމް އިބްރާހިމް ކަމަށާއި، އަބްދުއްﷲ ރިޔާޒުމެން ފަދަ ބޭފުޅުން ކިއްލާ ތެރޭ ފިލާ ތިބެ އާއްމު ރައްޔިތުން ނެރެގެން މާލެ ތެރެ ހަލަބޮލި ކުރަނީ ކަމަށެވެ.

ގާސިމް ދަޢުލަތަށް ދައްކަންޖެހޭ އެތައް މިލިއަން ޑޮލަރެއް ނުދައްކާ، ރައްޔިތުންގެ ހައްޤުގައި މަސައްކަތްކުރާކަމަށް ބުނުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ދައުލަތަށް ދައްކަވަންޖެހޭ ފައިސާ ދެއްކެވުމަށްފަހު ރައްޔިތުންގެ ހައްޤުގައި މަސައްކަތްކުރުން ރަނގަޅުވާނޭކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއް ރަހީމް ވިދާޅުވީ މިގޮތަށް ނޫސް ކޮންފަރެންސް ބާއްވަން ފެއްޓުމުން އިދިކޮޅު ފަރާތްތައް މޭކަރާ ކަމަށާއި ގާސިންވެސް އިރު އިރުކޮޅާ ދައްކަން ޖެހޭ ފައިސާއެއް ނެތް ކަމަށް ބުނެ މެސެޖް ކުރަމުން އަންނަކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓަރަކަށް ހުންނަވައިގެން ނެންގެވި ރަށްތަކާއި ފަޅުތަކަށް ދައްކަން ހުރި ފައިސާ ދެއްކިއްޔާ މާ ރަނގަޅު ކަމަށެވެ. އަދި ގާސިމަކީ އަމިއްލަ ސިކުޑިން ވިސްނަވާ ބޭފުޅެއް ނޫންކަމަށާއި އަބަދުވެސް ކަންތައް ކުރައްވަނީ ކައިރީގައި ތިބޭ މީހުން ބުނާ ގޮތަށް ކަމަށެވެ.

ކޮންމެ ދުވަހަކު އަބްދުއް ރަހީމް ބާއްވާ ނޫސް ކޮންފަރެންސް ބައެއް ފަރާތްތަކުން ސިފަ ކުރަނީ އިރާގުގެ ރައީސް ސައްދާމު ހުސެއިންގެ ވެރިކަން ނިމެން ގާތްވަމުން ދިޔަ އިރު އެގައުމުގެ އިންފޮމޭޝަން މިނިސްޓަރ މުހައްމަދު ސަހާފް ޓީވީ ތަކަށް އަރާވަޑައިގެން ދައްކަވާ ވާހަކަ ފުޅާއެެވެ.