Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

މައްސަލަ ހައްލުކުރުމަށް ބޭރުގެ ޕްރެޝަރެއް ބޭނުމެއް ނުވޭ: ސަފީރު އަހުމަދު

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ މައްސަލަތައް ހައްލުކުރުމަށް ބޭރުގެ ފިއްތުންތަކެއް ބޭނުން ނުވާ ކަމަށް ދިވެހި ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ އައުޓްލުކް ނޫހަކަށް ސަފީރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މިހާރު އޮތީ ދުސްތޫރީ ހަމަނުޖެހުމެއް ކަމަށެވެ. އެހެންކަމުން އެއީ ބޭރުގެ ނުފުޒާއި ފިއްތުންތައް ކުރިމަތި ކޮށްގެން ހައްލުކުރެވޭނެ މައްސަލައެއް ނޫން ކަމަށާއި އެއީ ދިވެހިން އަމިއްލައަށް ހައްލުކުރަން ޖެހޭ މައްސަލައެއް ކަމަށެވެ.

ސަފީރު އަހުމަދު ވަނީ މީގެ ކުރިންވެސް ބޭރުގެ ޕްރެޝަރުތައް ރާއްޖެއަށް ކުރުމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އިދިކޮޅު ފަރާތްތަކުން ބޭރުގެ ޕްރެޝަރު ސަރުކާރަށް ކުރިމަތިކުރުވުމަށް ގޮވާލި ދަނޑިވަޅުގައި އަހުމަދު ވިދާޅުވެފައިވަނީ ބޭރުގެ ޕްރެޝަރުތަކުގެ ސަބަބުން ގެއްލުން ވާނީ ހަމައެކަނި ދިވެހި ރައްޔިތުންނަށް ކަމަށާއި އެއީ އެދެވޭ ހައްލެއް ނުން ކަމަށެވެ.

މިފަހަރުވެސް ސަފީރު އަހުމަދު އެގޮތަށް ގޮވާލާފައިވި ނަމަވެސް އިންޑިޔާއަކީ ދިވެހި ރާއްޖޭގެ އަޚެއް ކަމަށް ވިދާޅުވެ ދެގައުމުގެ ދެމެދުގައި އޮތް ދުވަސްވީ އެކުވެރިކަމަށް އަލި އަޅުވާލާފައިވެއެވެ. ދިވެހި ރާއްޖޭގެ ކަނޑުތަކުގެ ސަލާމަތަށް އަބަދުވެސް އިންޑިޔާއިން ޚާއްސަ އިސްކަމެއް ދޭ ކަމަށާއި އެކަމަށް އަހުމަދު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ދިވެހި ރާއްޖެއާއި އިންޑިޔާއާ ދެމެދު މައްސަލަތަކެއް އުފެދިފައިވާ ކަމަށް އަޑު ފެތުރިފައިވާއިރު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ އިންޑިޔާ ސިފައިން ރާއްޖެ ނާންނާނެ ކަމުގެ ފުރިހަމަ ޔަގީން ކަން ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދި އިންޑިޔާއިން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ސަރުކާރުން އަޅާނެ ފިޔަވަޅަކަށް އިންޑިޔާއިން ބަލަމުން އަންނަ ކަމަށާއި ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ގާތުން އިންޑިޔާއިން ބަލަމުން އަންނަ ކަމަށް ބުނެފައެވެ.