އިންޑިއާއިން އެގައުމުގެ ދެކުނުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ރާއްޖޭގައި ގާއިމް ކޮށްފައިވާ ކޯސްޓަލް ސަވައިލެންސް ރާޑާ ސިސްޓަމް (ސީއެސްއާރްއެސް) ތަކުން ޓްރާންސްމިޓް ކުރުން ހުއްޓާލާފައިވާ ކަމަށް އެގައުމުގެ ދިފާއީ އޮފިޝަލުންނާއި ހަވާލާދީ އިންޑިއާގެ ނޫހަކުން ބުނެފިއެވެ.
"ދަ ނިއު އިންޑިއަން އެކްސްޕްރެސް" ނޫހުން އެގައުމުގެ ދިފާއީ އޮފިޝަލުންނާއި ހަވާލާދީ ބުނެފައިވަނީ ސީއެސްއާރްއެސްގެ ޓްރާންސްމިޝަން ހުއްޓިފައިވާތީ އެސަރަހައްދުގެ ކަނޑުތައް ބެލެހެއްޓުމަށް ދަތިވެފައިވާކަމަށެވެ.
ދިވެހި ރާއްޖެ އާއި އިންޑިއާއާއި އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގައި 10 ރާޑަރު ސްޓޭޝަން ބެހެއްޓުމަށް ވަނީ އެއްބަސްވެފައެވެ. ނަމަވެސް މިހާތަނަށް ރާއްޖޭގައި ގާއިމްކޮށްފައިވަނީ ތިން ރަޑަރު ސްޓޭޝަނެވެ.
ރާއްޖޭގެ ރާޑަރު ސްޓޭޝަން ތަކުން ޓްރާންސްމިޓް ނުކުރާތީ ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުގެ ކަންކަން ބަލަމުންދާނީ ދިވެހި ރާއްޖޭގައި އިންޑިއާއިން ބާއްވާފައިވާ ހެލިކޮޕްޓަރ މެދުވެރިކޮށް ކަމަށްވެސް އެނޫހުގައި ބުނެފައި ވެއެވެ.
މިކަމާއި ގުޅިގެން ދިވެހި އަސްކަރިއްޔާއިން އެއްވެސް ވާހަކައެއް ނުދައްކަވައެވެ.