މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގައި ބައިވެރިވުމަށް ސުޕްރީމް ކޯޓުން ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކުރި 12 މެމްބަރުންނާއެކު މިހާރު ހައްޔަރުކޮށްގެން ޖަލުގައި ބަންދުކޮށްފައި ތިބި މެމްބަރުން ވެސް ބައިވެރި ކުރަން ޖެހޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މާދަމާގެ ޚާއްސަ ޖަލްސާގައި މިހާރު އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ މެދު ގޮތެއް ކަނޑައެޅުމަށް ތާވަލު ކޮށްފައިވާއިރު އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކުރުމުން، އެ 12 މެމްބަރުންނަށް ވެސް ވަނީ ޖަލްސާގައި ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.
މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޖަލްސާ ބާއްވަން ޖެހޭނީ ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކުރި 12 މެމްބަރުންނާއި ޖަލުގައި ތިބި މެމްބަރުންވެސް ބައިވެރި ކޮށްގެން ކަމަށެވެ.
އިތުރު ޓުވީޓެއްގައި މަހޭ ވަނީ މާދަމާގެ ޖަލްސާގައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް އެންމެ މަދުވެގެން ޖަލްސާގައި ބައިވެރިވާ 50 މެމްބަރުން ވޯޓު ލާނެކަން ވަރަށް ސާފުކޮށް ރައީސް ޔާމީނަށް ދަންނަވާ ކަމަށް ވިދާޅުވެފައެވެ.
އަދި ކުއްލި ނުރައްކަލުގެ ހާލަތަކީ ރައްޔިތުން އެއަށް އަމަލު ކުރަން ޖެހޭ އެއްޗަކަށް ވެފައިވާއިރު އެއަށް މަޖިލީހުން ގޮތެއް ނިންމޭނީ އެންމެ މަދުވެގެން 43 މެމްބަރުން ހާޒިރުވެފައި ތިބުމުން ކަމަށާއި އިދިކޮޅު ފަރާތްތަކުން ޖަލްސާ ބޮއިކޮޓް ކޮށްފިނަމަ 43 މެމްބަރުން މަޖިލީހަށް ހާޒިރު ނުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ގާނޫނު އަސާސީގައި ބުނާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާއިރު މަޖިލީހުގެ ދައުރެއް ހިނގަމުން ނުދާނަމަ 14 ދުވަހުގެ ތެރޭގައި މަޖިލިސް ބައްދަލުކޮށް އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތާ މެދު ގޮތެއް ކަނޑައަޅަން ޖެހޭނެއެވެ.
ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްްވީ މިމަހުގެ ފަސް ވަނަ ދުވަހުގައެވެ. 15 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ފަހު ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ލިބިދޭ ބާރުން ގާނޫނު އަސާސީގެ ބައެއް މާއްދާތައް ވަގުތީ ގޮތުން ސަސްޕެންޑު ކުރައްވާފައެވެ.