މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކޮށް ކުރި އަމުރަށް އަމަލު ކުރުން ފަސްކޮށް މިއަދު އެކޯޓުން އިތުރު އަމުރެއް ނެރެފިއެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު ވަގުތީ އަމުރަކީ އެމައްސަލައާ ގުޅިގެން ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައަކާ ގުޅިގެން ނެރުނު އަމުރެކެވެ. ފެބްރުއަރީ އެއްވަނަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ވަނީ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކޮށްފައެވެ.
ނަމަވެސް އެ އަމުރަށް އަމަލު ކުރުން ވަގުތީ ގޮތުން ސުޕްރީމް ކޯޓުން މިރޭ މަޑު ޖައްސާލާފައިވަނީ މާދަމާ ހެނދުނު ރައްޔިތުންގެ މަޖިލީހުގައި ޚާއްސަ ޖަލްސާއެއް ތާވަލުކޮށްފައިވަނިކޮށެވެ. ޖަލްސާގައި ކުއްލި ނުރައްކަލުގެ ހާލަތާ މެދު ގޮތެއް ކަނޑައެޅުމަށް ވަނީ އެޖެންޑާ ކުރެވިފައެވެ.
ސުޕުރީމް ކޯޓުން މިގޮތަށް އަމުރު ނެރުނު އިރު މިއަދު މަޖްލިސްގެ އިދާރާއިންވެސް ވަނީ އެމެމްބަރުންނަށް މާދަމާގެ ޖަލްސާގެ ނޯޓިސް ފޮނުވާފައެވެ.