ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާ ކަވަރު ކުރަން ހުއްޓާ ފުލުހުން އަނިޔާވެރި ގޮތަކަށް ހައްޔަރު ކުރި ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން އިތުރު ފަރުވާއަށް ލަންކާއަށް ފުރަން ގޮސް ހުއްޓާ އެއާޕޯޓުން ހައްޔަރު ކުރަން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މިއަދު ރާއްޖެ ޓީވީއިން ކުރި ޓްވީޓެއްގައި ހުސެއިން އިތުރު ފަރުވާއަށް މިއަދު މެންދުރުފަހު ލަންކާއަށް ދިއުމަށް ބޯޑިންޕާސް ކެނޑިފަހުން ވެސް ފުލުހުން ހުސެއިން ހައްޔަރުކުރަން މަސައްކަތް ކުރި ކަމަށް ބުނެ ކުރި ޓްވީޓާއި ހަވާލާދީ މީޑިއާތަކުގައި ޖެހި ހަބަރުތައް ދޮގު ކުރަމުންނެވެ.
ރާއްޖެޓީވީން މިއަދު ބުނީ ކުށެއްނެތް ބަލިމީހަކު އިތުރު ފަރުވާއަށް ފުރަންގޮސް ހުއްޓާ އިމިގްރޭޝަން އޮފިޝަލަކާ ފުލުހުން ގުޅިގެން ހިންގީ ދަށު ދަރަޖައިގެ އަމލެއް ކަމަށެވެ.
ހުސެއިން ފުލުހުން ހައްޔަރު ކުރީ ހުކުރު ދުވަހުގެ ރޭ މަޖީދީމަގާއި ޗާނދަނީ މަގު ގުޅޭ ކަންމައްޗަށް މުޒާހަރާގެ ބައިވެރިން އެއްވެ އުޅުމުގެ ތެރޭގައި އެސްއޯ ފުލުހުން ނޫސްވެރިން އެސަރަހައްދުގެ ގޯޅިގަނޑެއްގެ ތެރެއަށް ވެއްދުމަށް ފަހު ބާރު ބޭނުންކޮށްގެންނެވެ.
ހުސެއިން ރާއްޖެޓީވީގައި ބުނެފައިވަނީ އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ވައި ނުވަންނަ ގޮތަށް ހަދާފައިވާ ވެހިކަލަކަށް އަރުވައިގެން ގޮސް ބިން މައްޗަށް ވައްޓާ ކަރުގައި ހިފައި ބިން މަތީގައި ދަމަމުން ގޮސް ކަމަށެވެ. އަދި އޭނާއަށް ފުލުހުންގެ އެންކަލް ތަކުން ހަމަލާދިންކަމަށްވެސް ހުސެން ވަނީ ބުނެފައެވެ.
ހުސެއިން އޭޑީކޭއިން ފަރުވާ ދިނުމަށްފަހު ރާއްޖޭން ބޭރަށް ގޮސް ޑޮކްޓަރަށް ދެއްކުމަށް ލަފާދީފައިވަނީ އެތެރެހައްޓަށް ގެއްލުން ވެފައިވާތީއެވެ.