Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހުކުމް ފަސް ކުރުވީ ބޮޑުތަނުން ބަލިވާނެތީ: މަހްލޫފު

ފަނޑިޔާރުންނަށް ބިރު ދައްކައިގެން އަމުރު ފަސް ކުރުވީ މާދަމާ ބޮޑުތަނުން ބަލިވާނެކަން ޔަގީން ވުމުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށް ހުކުމް ކޮށް މިމަހުގެ އެއްވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު އަމުރު ފަސް ކުރުމަށް މިއަދު ހަވީރު ސުޕުރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަނީ އަމުރެއް ނެރެފައެވެ.

މަހްލޫފު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ ފަނޑިޔާރުން ޖަލަށްލައި 3 ފަނޑިޔާރުންނަށް ބިރު ދައްކައިގެން އަމުރު ފަސް ކުރުވީ ބޮޑުތަނުން ބަލިވާނެކަން ޔަގީން ވުމުން ކަމަށާއި، ހުރިހާ މެމްބަރުންނަށް ބައިވެރިވެވޭނަމަ 50 އަށް ވުރެ ގިނަ ވޯޓު ޔަގީން ކަށަވަރު ކަމަށެވެ.

"ހަމައެންމެ ކަމެއްވެސް ގާނޫނީ އިމުގެ ތެރެއިން ކުރަން ނުދަނޭ، ހިތާމައަކީ ތިން ފަނޑިޔާރުންނަށް ހަމަ އެހެން ފަނޑިޔާރުންނަށް ހެދިގޮތް ހަދާނެކަން ނުވިސްނޭކަން"

މަހްލޫފު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

މާދަމާ މަޖްލިސްގެ ހާއްސަ ޖަލްސާއެއް ބާއްވަނީ ކުއްލި ހާލަތު އިއްލާން ކުރުމަށް ނެރުނު ގަރާރާއި މެދު ގޮތެއް ނިންމާށެވެ. އެގޮތަށް ތާވަލް ކުރިތާ މަދު ގަޑިތަކެއްގެ ތެރޭގައި ސުޕުރީމް ކޯޓުން ވަނީ މެމްބަރުންގެ ގޮޑި ނުގެއްލޭ ކަމަށް ސުޕުރީމް ކޯޓުގެ އިއްތުފާގުން ނެރުނު އަމުރަށް އަމަލު ކުރަން ފަސް ކުރުމަށް އިތުރު އަމުރެއް ނެރެފައެވެ. އެއާއި އެކު މާދަމާގެ ޖަލްސާއަށް 12 މެމްބަރުންނަށް ނުވަދެވޭނެއެވެ.