12 މެމްބަރުންގެ ގޮޑީގެ މައްސަލާގައި ފެބްރުއަރީ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު އަމުރު ފަސް ކުރަން ރޭ ސުޕުރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން މަޖްލިސްގެ އެއްވެސް މެމްބަރެއްގެ ގޮޑި ނުގެއްލޭކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.
ކުއްލި ހާލަތުގެ ގަރާރާއި މެދު ގޮތެއް ނިންމުމަށް މިއަދު ހެނދުނު 11 ޖަހާއިރު ދައުރުން ބޭރުން ބާއްވާ ޖަލްސާއަށް ނޯޓިސް ފޮނުވާފައިވަނިކޮށް ސުޕުރީމް ކޯޓުން ރޭ ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާ ބަޔަށް އަމަލުކުރުން ފަސްކުރަން އަމުރުކޮށްފަ އެވެ.
އިދކޮޅު ސިޔާސީ ޕާޓީތަކުން ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ރޭގެ ހުކުމުން އެއްވެސް މެމްބަރެއްގެ ގޮޑި ނުގެއްލޭކަން ވަރަށް ސާފު ކަމަށެވެ. އިބޫ ވިދާޅުވީ ވަގުތީ އަމުރުގައި މަޑު ޖައްސާލަން އޮތީ މަޖްލިސްގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ކަންކުރަން ޖެހޭ ގޮތް ފަސް ކުރުމަށް ކަމަށެވެ.
އިބޫ ވިދާޅުވީ މިހާ ސާފުކޮށް އަމުރު އޮތުމާއި ގުޅިގެން މިއަދުގެ ޖަލްސާއަށް ހުރިހާ މެމްބަރުން ވަޑައިގަންނަވާނެ ކަމަށާއި ސަލާމަތީ ބާރުތަކުން ހުރަސް އަޅައިގެން ނުވާނެކަމަށެވެ.
މަޖްލިސްގައި މިއަދު ކުރިއަށް ގެންދިއުމަށް ތާވަލް ކޮށްފައިވާ ޖަލްސާއަށް ގޮޑި ގެއްލުނު ކަމަށް ކުރިން ކަޑައެޅި 12 މެމްބަރުންނަށްވެސް ނޯޓިސް ފޮނުވިއެވެ. ނަމަވެސް ހުކުމުގެ ފަހުން މަޖްލިސްގެ އިދާރާއިން ވަނީ އެ މެމްބަރުންނަށް ފޮނުވި ނޯޓިސް ކެންސަލް ކޮށްފައެވެ.